އެ މަގާމަށް ގާސިމް އިންތިޚާބުކޮށްފައި ވަނީ މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް، ކޮމިޓީގެ މުގައްރިރަކަށް ގާސިމުގެ ނަން ހުށަހެޅުއްވުމާއެކު، އެ ހުށަހެޅުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ތާއީދުކުރެއްވި އެވެ. ގާސިމްގެ ނަން ފާސްވީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުންނެވެ.
މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ ނައިބު މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ އިންތިޚާބުކޮށްފަ އެވެ. ސަލީމްގެ ނަން ހުށަހެޅުއްވީ، ބާރަށު ދާއިރާގެ މެންބަރު އިބްރާޙިމް ޝުޖާއެވެ. އަދި އެ ހުށަހެޅުމަށް ގާސިމް ވަނީ ތާއީދު ކުރައްވާފައެވެ. ސަލީމް އެ މަގާމަށް އިންތިހާބުވެ ވަޑައިގެންފައި ވަނީ ކޮމިޓީގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރޭގައި ހިމެނޭ މާލިއްޔަތު ކޮމިޓީގައި 11 މެންބަރުން ތިއްބަވާނެ އެވެ.
މާލިއްޔަތު ކޮމިޓީގެ މެންބަރުން:
- މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް (މުގައްރިރު)
- އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ނައިބު މުގައްރިރު)
- ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް
- ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް
- ހިތަދޫ މެދު ދާއިރާ މެންބަރު އަހުމަދު އަޒާން މަރުޒޫގް
- ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް
- ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ
- ބާރަށު ދާއިރާގެ މެންބަރު އިބްރާޙިމް ޝުޖާއު
- ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބް
- ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު
- ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ
ގާސިމް އިބްރާހީމާއި އަހްމަދު ނާޒިމަކީ މީގެކުރިން މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ކުރައްވާފައިވާ ދެ ބޭފުޅުންނެވެ.
މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އެހެނިހެން ކޮމިޓީތަކަށް ވެސް މުގައްރިރުންނާއި ނައިބު މުގައްރިރުން ހަމަޖައްސަވާފަ އެވެ. އެގޮތުން ބަލާއިރު، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މުގައްރިރު ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް، އިގުތިޞާދީ ކޮމިޓިގެ މުގައްރިރު ކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު، ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީގެ މުގައްރިރަކަށް އިބްރާހިމް ޝުޖާއު، ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރަކަށް މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވަނީ ހަމަޖައްސާފަ އެވެ.



