ރާއްޖެއިން 8000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަހަރުގެ ފަހު އޯލެވެލް އިމްތިހާނު މިއަދު ފެށިއްޖެއެވެ.
އޯ ލެވެލް އިމްތިހާނު މިއަދު ފެށުނީ އެސްއެސްސީ އިމްތިހާނުގެ ”ދިވެހި“ މާއްދާއިންނެވެ.
މި އަހަރު ގްރޭޑް 10 އެއް ނިންމާ ދަރިވަރުންގެ އޯލެވެލް އިމްތިހާނު މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އޯލެވެލް އައިޖީސީއެސްއީ އިމްތިޙާނުގައި ޖުމްލަ 8111 ދަރިވަރުން ބައިވެރިވެފައިވާއިރު އެސްއެސްސީ އިމްތިޙާނުގައި 7776 ދަރިވަރުން ބައިވެރިވާނެ ކަމަށެވެ.
މާލެ ސަރަޙައްދުގެ 25 ސެންޓަރެއްގައި 3222 ދަރިވަރުން އަދި ރަށްރަށުގެ 242 ސެންޓަރުގައި 2869 ދަރިވަރުން އިމްތިޙާނު ހެދުމަށްވަނީ ހަމަޖެހިފައެވެ. އާދިއްތަ ދުވަހު އެންމެ ފުރަތަމަ ދަރިވަރުން ހެދުމަށް ހަމަޖެހިފައިވަނީ އެސްއެސްސީ އިމްތިޙާނުގެ ދިވެހި ޕޭޕަރެވެ.
މިއަހަރުގެ އޯލެވެލް އިމްތިޙާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢިލް ޝަފީޢު ވަނީ ހިތްވަރުދެއްވާ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި މިނިސްޓަރު ޝަފީޢު ވަނީ ހުރިހާ ކުދިންވެސް ނަމާދުން ހިތްވަރު ލިބިގަނެ ރަނގަޅު ނަތީޖާއެއް ދެއްވުން އެދި މާތްﷲއަށް ގިނަ ގިނައިން ދުޢާކުރުމަށް ނަސޭހަތްތެރިވެފައެވެ.
”މިހާރު އިމްތިޙާނު ޖެހުނުއިރު ﷲގެ ރަޙުމަތުން ހުރިހާކުދިންވެސް ތައްޔާރުވެފައިވާކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. އެހެންވީމަ އިމްތިޙާނު ހަދާ ދުވަސްތަކުގައި ކުދިން މާބޮޑަށް ހާސްވާނެހެން ސްޓްރެސް ވާނެހެން ޕުޝްކުރުމަކީ ބުއްދިވެރިކަމަކަށްނުވާނެ. ކުދިންނަށް ބުނެލާނީ ހުރިހާ ކުދިންވެސް ފަތިސް ނަމާދުން ފަށާށޭ ދުވަސް އަދި ރަނގަޅު ނަތީޖާއެއް ދެއްވާތޯ ގިނަގިނައިން ﷲއަށް ދަންނަވާށޭ.“ މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުންވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޯލެވެލް އިމްތިޙާނުގައި ބައިވެރިވުމުގެ އުސޫލަށް މުހިންމު ބަދަލުތަކެއް ގެންނަވާފައެވެ. އެއީ އޯލެވެލް ހަދާ ދަރިވަރުން މަޖުބޫރު ހަތަރު މާއްދާގެ އިމްތިޙާނުގައި ފުރިހަމައަށް ބައިވެރިވުމާއެކު އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާގޮތަށް ހަމަޖެއްސުމެވެ. މަޖުބޫރު މާއްދާތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާއެވެ.


