ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރަށް ގާތްގަނޑަކަށް 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާ ގެންދަން އުޅުނު މައްސަލާގައި ހައްޔަރުކުރި ހަ ބިދޭސީންގެ މައްޗަށް ވެސް މަނީލޯންޑްރިންގެ ތުހުމަތުކޮށް 10 ދުވަހަށް ބަންދުކޮށްފިއެވެ.
އެމީހުން ރާއްޖެއިން ބޭރަށް ބޭރު ފައިސާ ގެންދަންވެގެން އުޅުނީ ސީރިއަލް ޕެކެޓުތަކެއްގައި އެ ފައިސާތައް ބަންދު ކޮށްގެން ވަގަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ބަންގްލަދޭޝް އަށް އުފަން މުހައްމަދު މައިނުއްދީން ސަލާހު އާއި ރަޖިބު އާއި މުހައްމަދު އަބްދުﷲ އާއި އަޖްގޮރު މިރިދާ އާއި އެމްޑީ މޮހިއްދީން ޗޯދްރީ އަދި އެމްޑީ ޝާހިން މިއާހް އެވެ.
މި ހަ މީހުންގެ މައްޗަށް ވެސް ފުލުހުން މަނީލޯންޑްރިންގެ ތުހުމަތު އުފުލާފައިވާއިރު، މީގެ ތެރެއިން ބައެއް މީހުން ކޯޓުގައި ބުނީ އެ މީހުން އެއާޕޯޓަށް ދިޔައީ މީހަކު ފުރުވަން ކަމަށެވެ. އަނެއް މީހުން ދިޔައީ މީހަކަށް ޕާރުސަލެއް ހަވާލުކުރަން ކަމަށާއި އޭގައި ހުރި އެއްޗެއް ނޭނގޭ ކަމަށް ވެސް ބުންޏެވެ.
އަޖްގޮރް ކޯޓުގައި ބުނީ، އޭނާ އެއާޕޯޓަށް ދިޔައީ ތިން އަހަރު ފަހުން ގައުމަށް ދިޔުމަށް ކަމަށާއި އޭނާއަކީ ރަށެއްގައި 7،000ރ. ގެ މުސާރައެއްގެ ވަޒީފާގައި އުޅޭ މީހެއް ކަމަށެވެ. ބޭރު ފައިސާތަކެއް ފެނުނު ލަގެޖަކީ އެއާޕޯޓުން ދިމާވި ރާޖިބުގެ އެއްޗެއް ކަމާއި އެ ލަގެޖު ބަރުވާތީ އޭނާއާ އެކު ޗެކިންވީ ކަމަށް އަޖްގޮރް ބުނެފައިވެ އެވެ. ރާޖިބަކީ ދަންނަ ވެސް މީހެއް ނޫން ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް، ރާޖިބު ބުނެފައިވަނީ އޭނާ އެ ލަގެޖާ ހަވާލުވީ އަޖްގޮރު ބުނެގެން ކަމަށާއި އެކަމަށް ފައިސާ ވެސް ދޭނެ ކަމަށް އަޖްގޮރު ބުނި ކަމަށެވެ. ޝާހިން ވެސް ބުނީ އެއާޕޯޓަށް އޭނާ ދިޔައީ އަޖްގޮރު ދިން ޕާރްސަލެއް މީހަކާ ހަވާލުކުރަން ކަމަށެވެ.
ފުލުހުން އިއްޔެ ބުނީ އެ ހަ މީހުންގެ އަތުން 174،161 ޔޫއެސް ޑޮލަރާއި 56،760 ޔޫރޯ އާއި 1،815 ސްޓާލިން ޕައުންޑް ހިމެނޭހެން ޖުމުލަ 18 ގައުމެއްގެ ފައިސާ ފެނުނު ކަމަށެވެ. އެ ފައިސާގެ ޖުމުލަ އަގު ގާތްގަނޑަކަށް 3.8 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.



