މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގަވާއިދާ ޚިލާފަށް، ބޮޑު އަގުގައި އޭސީ ޔުނިޓްތަކެއް ގަތް މައްސަލައެއްގައި އެ ކުންފުނީގެ ކުރީގެ ސީއީއޯ މުޙައްމަދު ޖުނައިދު އަދި ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ކުރީގެ ހެޑް ޢަބްދުލްވައްހާބުގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފިއެވެ.
އޭސީސީން ބުނީ މި މައްސަލައިގައި ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވަން ނިންމާފައިވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އެއީ އެމްޕީއެލްގެ ކުރީގެ ސީއީއޯ މ. ރީފްވިލާ، މުޙައްމަދު ޖުނައިދާއި، އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ އޭރުގެ ހެޑް މ. ހިލްއިންދަގާޑެން، އަބްދުލްވައްހާބުގެ މައްޗަށެވެ.
މި މައްސަލައަކީ 2016 އަދި 2017 ވަނަ އަހަރު، އެމްޕީއެލްއިން 18 އެއަކޮންޑިޝަން ޔުނިޓް (އޭސީ) ހޯދުމުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލައެކެވެ. އޭސީސީން ބުނީ މި ތަކެތި ގަނެފައިވަނީ އޭރު އެ ކުންފުނިން ޢަމަލުކުރަމުންގެންދިޔަ، ސަރުކާރުގެ ކުންފުނިތަކުން މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރަންޖެހޭ ސްޓްރެޓެޖީ އާއި ގަވާއިދު (2011) އާ ޚިލާފަށް ކަމަށެވެ.
އަދި އެކަމަށް އާންމުކޮށް އިޢުލާންކުރުމެއްނެތި، ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމަކާ ނުލައި، އެ މަސައްކަތުގެ ތަޖުރިބާ ލިބިފައިނުވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއަކުން މި ތަކެތި ގަނެފައިވާ ކަމަށް ވެސް ކޮމިޝަނުން ފާހަގަކުރިއެވެ.
މީގެއިތުރުން، އެ ވިޔަފާރިއަކީ މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުން އޮތް ފަރާތެއް ކަމަށާއި، އޭސީތައް ގަނެފައިވަނީ އެ ދުވަސްވަރު މާކެޓު ރޭޓަށްވުރެ ބޮޑު އަގުގައި، ޖުމްލަ 1،083،998.00 (އެއް މިލިއަން އަށްޑިހަ ތިންހާސް ނުވަސަތޭކަ ނުވަދިހަ އަށެއް) ރުފިޔާއަށް ކަމަށް އޭސީސީން ވަނީ ބުނެފައެވެ.


