އަތުލިޔުމުގެ ފުރަތަމަ ގައުމީ މުބާރާތެއް ބޭއްވުމަށް ދިވެހި ބަހުގެ އެކަޑަމީ އިން މިއަދު ހުޅުވާލައިފިއެވެ.
އެ އެކަޑަމީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މިއީ ދިވެހި ބަހާއި ތާނަ އަކުރަށް އޮފީސްތަކުގެ މުވައްޒަފުންނާއި އާންމުންގެ ހިތްތަކުގައި އޮންނަ ލޯތްބާއި ޝައުގުވެރިކަން އިތުރުކުރުމަށާއި ރީތިކޮށް ތާނަ ލިޔާ މީހުންގެ އަގުވަޒަންކޮށް، ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ މުބާރާތެއް ކަމަށެވެ. އަދި ތާނަ އަކުރު ލިޔުމުގައި އުފެއްދުންތެރިކަމާއި އީޖާދީ ގޮތްތައް ނެރުމަކީ ވެސް މި މުބާރާތުގެ މަގްސަދު ކަމަށް އެކަޑަމީން ބުންޏެެވެ.
މީގެ ކުރިން ވެސް ދިވެހިބަހުގެ އެކަޑަމީން ވަނީ އަތުލިޔުމުގެ މުބާރާތް ބާއްވާފައެވެ. އެކަމަކު މިއީ ގައުމީ މުބާރަތަކަށް ހުޅުވާލި ފުރަތަމަ ފަހަރެވެ.
ބަހުގެ އެކަޑަމީން ބުނީ އަލީ ފަހުމީގެ ވާދައިގެ ތައްޓަށް ބާއްވާ އަތުލިޔުމުގެ ފުރަތަމަ ގައުމީ މުބާރާތުގައި ދެ ގިންތިއަކަށް ކަމަށެވެ. އެއީ އޮފީސްތަކުގެ ބަޔާއި އަމިއްލަ ފަރާތްތަކުގެ ކެޓަގަރީ އެވެ.
އެކަޑަމީން ބުނި ގޮތުގައި މުބާރާތުގައި ހިމެނެނީ ތިން ބައެކެވެ. އެއީ ރީތި ލިޔުމާއި އަވަސް ލިޔުން އަދި އަތްތެރި ލިޔުމެވެ. އެ އިން ކޮންމެ ބަޔަކަށް ވެސް 100 ޕޮއިންޓާ ހަމައަށް މާކްސް ލިބޭނެ އެވެ.
މި މުބާރާތުގައި ބައިވެރިވާ ކޮންމެ އޮފީހަކުން ވެސް މުބާރާތް ބަހާފައިވާ މައިގަނޑު ތިން ބައިގެ ތެރެއިން ކޮންމެ ބަޔަކަށް ވެސް ގިނަވެގެގެން ބައިވެރިކުރެވޭނީ ފަސް މުވައްޒަފުން ކަމުގައި ދިވެހިބަހުގެ އެކެޑަމީން ބުންޏެވެ. އަމިއްލަ ފަރުދުންގެ ބައިން ބައިވެރިވެވޭނީ ޑިސެމްބަރު 31، 2025 އަށް 18 އަހަރު ފުރިފައިވާ މީހުންނަށެވެ.
އެ މުބާރާތުގައި ބައިވެރިވާން ދީފައިވާ ފަހު ތާރީހަކީ އަންނަ މަހުގެ އަށް ވަނަ ދުވަހުގެ މެންދުރު 1:00 އެވެ. މުބާރާތުގައި ބައިވެރިވެވޭނީ ގޫގުލް ފޯމެއް މެދުވެރިކޮށެވެ.
މުބާރާތުގެ ކޮންމެ ބަޔަކުން ވެސް އެއް ވަނައަށް ހޮވޭނީ 75 ޕަސެންޓް ނުވަތަ އެ އަށް ވުރެ މަތިން މާކްސް ލިބިފައިވާ ލިޔުންތަކުގެ ތެރެއިން އެންމެ ގިނަ މާކްސް ލިބޭ ލިޔުމަކަށެވެ. އެއްވެސް ލިޔުމަކަށް އެ ވަރަށް ވުރެ މަތިން ނުލިބޭ ނަމަ އެއްވަނައަށް އެއްވެސް ލިޔުމެއް ނުހޮވޭނެއެވެ.



