އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު، އީގަލް ހިލްސް އިން ރާއްޖޭގައި ކުރިއަށްގެންދާ 20 ބިލިއަން ޑޮލަރު (308 ބިލިއަން ރުފިޔާ)ގެ މަޝްރޫއުތެރޭ މަސައްކަތްކުރާ އެންމެންނަކީ ދިވެހީންނަށް ވާން އެ ކުންފުނިން އެދޭ ކަމަށް، ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ރޭގައި ވިދާޅުވެއްޖެއެވެ.
ރަސްމާލޭގައި މެރީނާއެއް ތަރައްގީ ކުރުން ހިމެނޭހެން ތާރީޚީ ބޮޑު މަޝްރޫއެއް ހިންގުމަށް، އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ މެދު އިއްޔެ ވަނީ މުހިންމު އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.
އެ މަޝްރޫއުގެ ދަށުން ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތަކާއި ޕްރީމިއަމް އަދި ބްރޭންޑެޑް ރެޒިޑެންސްތަކާއި ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި ވޯޓާފްރަންޓް ޕްރޮމެނާޑްތަކާއި، ރެސްޓޯރެންޓްތަކާއި ފިހާރަތަކާއި މުނިފޫހިފިލުވުމާއި ވެލްނެސް ސެންޓަރުތައް ތަރައްގީކުރާން ވަނީ އެއްބަސްވެފައެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި މިކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި މަޝްރޫއު އެއްކޮށް ނިމޭއިރު 54،000 އެއްހާ ވަޒީފާ އުފެދޭނެ ކަމަށެވެ.
”ކުރިން އަޅުގަނޑު ދެންނެވިހެން އަސްލު މި ބޭފުޅުން ވިސްނަވައިފައި އޮތީ ދިވެހީންނަށް ވަރަށް ބޮޑު ފުރުސަތުތަކެއް ފަހިކޮށްދެއްވަން، މި ޑިވެލޮޕްމަންޓްގެ ތެރޭގައި މި ޕްރޮޖެކްޓުގެ ތެރޭ މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަކީ ވެސް ދިވެހީންނަށް ވުން އެ ބޭފުޅުން ބޭނުންވަނީ، ދިވެހި ވިޔަފާރިތަކަށް ފުރުސަތުތައް ފަހިކޮށްދިނުން، ދިވެހީންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން، ދިވެހި އިގުތިޞާދު އިތުރު ހަރުފަތްތަކަށް ގެންދިއުން އެންމެ ބޮޑު މަގުސަދުގައި،“ މިނިސްޓަރު ޒަރީރު ވިދާޅުވިއެވެ.
މީގެއިތުރުން ޒަރީރު ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ މުޅި އިގުތިޞާދުގެ މަލަމަތި ބަދަލުވާނެ ކަމަށެވެ. މި މަޝްރޫއުގެ ދަށުން އެކި ކަންކަން ޑިވެލޮޕްކުރުމަށްޓަކައި ދިވެހި ވިޔަފާރިތަކަށް ފުރުސަތުތައް ލިބޭނެ ކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ، މި އިންވެސްޓްމަންޓަކީ ދިގުދެމިގެން ދާނެ ގޮތަށް ރާއްޖޭގެ އިގުތިޞާދަށް ފައިދާކުރާނެ އިންވެސްޓްމަންޓެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.



