ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ ދަށުން ވެސްޓް ޕާކް ސަރަހައްދު ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިމަސައްކަތް ކުރުމަށްޓަކައި ވެސްޓްޕާކް ސަރަހައްދުގެ މަގުގެ އެއްފަޅި މިހާރު ވަނީ ބަންދުކޮށްފައެވެ. ވެސްޓް ޕާކް ސަރަޙައްދަކީ މާލޭގައި އެންމެ އަވަހަށް ފެންބޮޑުވާ ސަރަހައްދުތަކުގެ ތެރެއިން އެއް ސަރަޙައްދެވެ.
އެމްޓީސީސީން ބުނީ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ ދަށުން ވެސްޓް ޕާކް ސަރަޙައްދުގައި ފެން ހިންދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. މި މަޝްރޫޢުގެ ދަށުން އެ ސަރަޙައްދުވެސް ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ.
މާލޭ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ދެން ތަރައްޤީކުރާނީ އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާއި ހަމައަށް އޮންނަ ސަރަޙައްދެވެ. މުޅި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާ ނޮވެންބަރު މަހު އާންމުންނަށް ހުޅުވާލުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
އެމްޕީއެލް ސަރަޙައްދަކީ ބޮޑު ތަކުރުފާނު މަގުގައި އެންމެ ބޮޑަށް އަޑިގުޑަންތައް އޮތް އެއް ސަރަޙައްދެއްވެ. ވަކިން ޚާއްސަކޮށް އެ ސަރަހައްދަކީ ބަރު އުޅަނދުތަކުގައި މުދާ އުފުލާ ސަރަޙައްދަށްވުމުން ވެސް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރުވަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް މަގު ތަރައްޤީކޮށްފައެވެ.



1 Comment
ތިތަން ހަދާއިރު މަސްބާނާ ޕުލެޓްފޯމް ވެސް ތަރައްގީ ކޮއްލަދީ ބަލަ