އިދާރީ މައްސަލައަކާ ގުޅިގެން ޕެންޝަން އޮފީހުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) މަރިޔަމް ޝިއުނާ ސަސްޕެންޑުކޮށްފިއެވެ.
އިދާރީ މައްސަަލައަކާ ގުޅިގެން އޭނާ ސަސްޕެންޑު ކުރިނަމަވެސް މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ. އަދި ޕެންޝަން އޮފީހުގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ވަކިވަކި މުވައްޒަފުންގެ އިދާރީ ކަންކަމާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ހިއްސާކުރަން ހަމަޖެހިފައިނުވާ ކަމަށެވެ.
ނަމަވެސް އެ އޮފީހުގެ ހިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށް އިންތިޒާމްތައް ހަމަޖައްސައި އާއްމު އުސޫލުން އެކަން ކުރިއަށްދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
”…މެންބަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށާއި މެންބަރުންގެ ޕެންޝަން ފަންޑުގެ ރައްކާތެރިކަމަށް ޕެންޝަން އޮފީހުން އެންމެ އިސްކަމެއް ދީގެން ބަލަހައްޓަމުންދާނެ އެވެ،“ ލިޔުމުން ދިން ޖަވާބުގައި އޮފިޝަލް ވިދާޅުވި އެވެ.
އިންޓަނޭޝަނަލް ޑިވެލޮޕްމަންޓުގެ ރޮނގުން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ޝިއުނާ، ޕެންޝަން އޮފީހުގެ ކޯޕަރޭޓް އެފެއާޒު ޑިވިޝަންގެ މަސައްކަތްތަކުގެ އިސްވެރިއަކަށް ގުޅިވަޑައިގެންނެވީ 2023 ވަނަ އަހަރު އެވެ.



