ރަނގަޅު އިތުރު ގޮތެއް ނުދައްކާ، ދިޔާތަކެތި ބުއިމަށް ބޭނުން ކުރާ ޕްލާސްޓިކް ހޮޅި މަނާކުރުމުން އެކަމުން ނެރެން ބޭނުންވާ ހައްލެއް ނުލިބޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އަލީ ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުމާއި އެތަކެތި އުފެއްދުން އަދި ބާޒާރަށް ނެރުން 2021 ވަނަ އަހަރުން ފެށިގެން އޮތީ މަނާކޮށްފަ އެވެ. އެކަމަކު މި ސަރުކާރުން ދާދި ފަހުން ވަނީ އެ އުސޫލު ބަދަލުކޮށް، ޕްލާސްޓިކް ހޮޅި ބޭނުން ކުރުން މަނާކުރާ ތާރީހު، 2031 އަށް ވަނީ ފަސްކޮށްފަ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ޕްލާސްޓިކް ހޮޅީގެ ބަދަލުގައި ބޭނުން ކުރަން ފެށި ކަރުދާސް ހޮޅިއާ ގުޅޭގޮތުން ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ. އެކަމަކު އެއަށް ވުރެ ބޮޑަށް، އެންމެ ބޮޑު މައްސަލައަކަށްވީ ރަނގަޅު އެހެން ގޮތެއް ނުދައްކާ، ކުއްލިއަކަށް ޕްލާސްޓިކް ހޮޅި މަނާކުރުން ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ފަދަ ފިޔަވަޅެއްގެ މަގްސަދަކަށް ވާންވާނީ ކަމެއް މަނާކުރުމަށް ވުރެ އެކަމަށް ރަނގަޅު ހައްލެއް ހޯދައިދިނުމެވެ.
”އަޅުގަނޑު ގާތު ވަރަށް ގިނަ ބަޔަކު އެހި ކީއްވެތޯ މިގޮތަށް ނިންމީ. މިއީ ފަހަތަށް އެޅި ފިޔަވަޅެއް ނޫންތޯއޭ. އަޅުގަނޑުގެ އާގިއުމަންޓަކީ، ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް ވާނީ އެހެން ގޮތެއް ނުދައްކާ މުޅި އެތި ބޭންކުރުން ކަމަށް،“ އަލީ ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކަރުދާސް ހޮޅި އާއި ކާނާގެ ރައްކާތެރިކަމާ ވެސް އޮތީ ގުޅިފަ އެވެ. އެގޮތުން އެ އުފެއްދުމަށް ބޭނުން ކުރާ ކަރުދާހާއި ތެރަހުގައި ސިއްހަތާ ގުޅުން ހުރި ވަކި ކަހަލަ މާއްދާތަކެއް ހުރިކަން ވެސް ފާހަގަ ކުރެއްވި އެވެ. އެކަމަކު އޭގެ މާބޮޑު ތަފްސީލެއް މިނިސްޓަރު ނުދެއްވަ އެވެ.



