ޤައުމު ކުޑަޔަސް ބޮޑަސް، އަމިއްލަ މުސްތަޤްބަލް ބައްޓަންކުރުމުގެ އިޚްތިޔާރާއި ޤާބިލުކަން ކޮންމެ ދައުލަތަކަށްވެސް ލިބެންޖެހޭނެކަމުގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ލަތީފް މިފަދައިން ވިދާޅުވީ، ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގައި އިއްޔެ ތަޤްރީރު ކުރައްވަމުންނެވެ.
ކުދި ޤައުމުތަކަށް ބޭރުގެ ނުރައްކާތަކާއި ނުފޫޒު ފޯރުވުމުގެ އަމަލުތަކުން ކުރިމަތިވާ ނާޒުކުކަމާމެދު ފިޔަވަޅު އެޅުމަށް، މީގެ 37 އަހަރު ކުރިން، ދިވެހިރާއްޖެއިން އާންމު މަޖިލީހުގައި ގޮވާލި ގޮވާލުމުގެ މަތިން ހަނދާންކޮށްދެއްވައި، ވާހަކަފުޅު ކުރިއަށްގެންދަވަމުން ނައިބު ރައީސް ވިދާޅުވީ، މިއަދުވެސް މި އުސޫލު މުހިންމުކަމަށާއި، ނަމަވެސް، ކުދި ޤައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތައް މިހާރު ބަދަލުވެފައިވާކަމުގައެވެ. މިގޮތުން، ކަނޑު ދަތުރުފަތުރުކުރާ މަގުތަކަށާއި، ސަޕްލައި ޗެއިންތަކަށާއި، މާލީ ބާޒާރުތަކަށާއި، ޑިޖިޓަލް ނެޓްވޯކްތަކުގެ އިތުރުން ކުރިއަރަމުން އަންނަ ޓެކްނޮލޮޖީގެ ތެރެއިންވެސް މި ނުރައްކާ ފެތުރިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އިންޑިއާ ކަނޑަކީ ސުލްހަވެރި އަދި ވިޔަފާރިއަށް ހުޅުވިފައިވާ ތަނެއްގެ ގޮތުގައި ދެމިއޮންނަންޖެހޭނެކަމަށާއި، ބޮޑެތި ބާރުތަކުގެ މެދުގައި އޮންނަ ވާދަވެރިކަމުގެ ސަބަބުން ކުދި ޤައުމުތަކުގެ އިޚްތިޔާރުތަކަށް ހުރަސްއެޅިގެން ނުވާނެކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ހުރްމުޒް ކަނޑުއޮޅިން ކަނޑުދަތުރުފަތުރަށް އަންނަ ހުރަސްތަކުގެ ސަބަބުން ތެލުގެ އަގަށާއި، ކާބޯތަކެތީގެ ސަޕްލައިއަށާއި، ވައިގެ ދަތުރުފަތުރަށް، އަދި ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރުތައް ފާހަގަކުރައްވާފައެވެ.
ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާއި ސަޢޫދީ ޢަރަބިއްޔާ، ޔުނައިޓެޑް ޢަރަބް އެމިރޭޓްސް، ބަޙްރައިން، ޤަޠަރު، ކުވައިތު، ޢުމާން އަދި އުރުދުންއަށް ދެމުންދާ ޙަމަލާތައް ކުށްވެރިކުރައްވައި، ޙާލަތު ފިނިކުރުމަށް ޢުމާން، ޕާކިސްތާން އަދި ޤަޠަރުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކަށް އެމަނިކުފާނު ތަޢުރީފުކުރެއްވިއެވެ.
”އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާންމާއި ހަނގުރާމައިގެ ޖަރީމާތައް އަދިވެސް ދަނީ ކުރިއަށް. އެކަން ހަމައެކަނި ޣައްޒާއާ ހިސާބުން ނުނިމޭ. ފަލަސްޠީނުގެ ބިންތަކަށް އަރައިގަނެ، އެ ބިންތައް ހިފުމާއި ޣައިރު ޤާނޫނީ އާބާދީތައް ކުރުން ހުއްޓާލައި ބައިނަލްއަޤްވާމީ ޤާނޫނުތައް ތަފާތުކުރުމެއްނެތި ތަންފީޒުކުރަން ޖެހޭ“ ނައިބު ރައީސް ލަތީފު ވިދާޅުވިއެވެ.
މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ އިންސާނީ އެހީތެރިކަން، ރައްކާތެރިކަމާއެކު އަވަހަށް ފޯރުކޮށްދިނުމަށާއި، ބައިނަލްއަޤްވާމީ ކޯޓުތަކުގެ ނިންމުންތަކާއި އދ. ގެ ޤަރާރުތަކަށް އިޙްތިރާމްކުރުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.




