ރ. މަޑުއްވަރީގައި ބިދޭސީ އަންހެނަކަށް އަނިޔާކޮށް، އޭނާގެ އަތުން ފޭރެން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަނީ، ބިދޭސީ ފިރިހެނަކު އެ އަންހެން މީހާގެ އަނގަމަތީގައި އަތް އަޅައިގެން، އެ އަންހެން މީހާގެ ގައިމައްޗަށް އަރާ އިންނަަ މަންޒަރެވެ.
އެމީހާ ހުއްޓުވީ އެވަގުތު އެ މަންޒަރު ވީޑިއޯ ކުރި ދިވެހި ފިރިހެނެކެވެ. އެ އަންހެން މީހާގެ ފައިސާތައް ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ މަގުމައްޗަށް އުކާލާފައި ހުރި މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.
ފުލުހުން މީޑިއާތަކަށް ރޭގއި ފޮނުވި މެސެޖެއްގައި ބުނީ، 2026 ސެޕްޓެމްބަރު 24 ވަނަ ދުވަހުގެ 06:04 ހާއިރު، ރ. މަޑުއްވަރީގައި ބިދޭސީ އަންހެނަކާ މެެދު މާރާމާރީ ހިންގައި އަދި އޭނާގެ އަތުން ފައިސާ ފޭރުނު މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ



