ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސަކަށް ބައްސާމް އަދީލް ޖަލީލު ހުރިއިރު، އެ އެސޯސިއޭޝަންގެ މެނޭޖްމަންޓުން އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ)ގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައި އޮތުމުން ދައްކަން އެދުނު އަދަދު، އެ ފެޑެރޭޝަނުން އިއްޔެ މައާފުކޮށްދީފިއެވެ.
އެފްއޭއެމްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެފްއޭއެމުން ދައްކަން ޖެހޭ ފައިސާ މައާފުކޮށްދިނުމުގެ އިތުރުން އޭއެފްސީގެ މާލީ އެހީއަށް ނޭދެވޭ ގޮތަށް އަޅާފައިވާ ފިޔަވަޅު އުވާލަން ވެސް، އޭއެފްސީގެ އެގްޒެކްޓިވް ކޮމިޓީން ނިންމި ކަމަށެވެ.
އެފްއޭއެމްގެ ކުރީގެ މެނޭޖްމަންޓުން ނަހަމަ ގޮތުގައި ބޭނުންކުރިކަން ކަށަވަރުވެ، އޭއެފްސީއަށް އަނބުރާ ދައްކަން އެފްއޭއެމަށް އެންގީ 253،030 ޑޮލަރު (3.9 މިލިއަން ރުފިޔާ) އެވެ.
ކުރީގެ ގައުމީ ފޯވަޑް އަދި މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ރައީސަކަށް މިހާރު ހުންނެވި އެފްއޭއެމްގެ މެނޭޖްމަންޓުން އެދުނީ އެ ފައިސާ މައާފުކޮށްދީ އޭއެފްސީގެ މާލީ އެހީއަށް އެދުމުގެ ފުރުސަތު އަލުން، ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއަށް ދިނުމަށެވެ.
އޮފިޝަލް ވިދާޅުވީ އޭއެފްސީގެ އެގްޒެކްޓިވް ކޮމިޓީން އެފްއޭއެމުން ހުށައެޅުމާ އެއްގޮތަށް އެ ދެ ކަންތައް ވެސް ކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން އަންނަ އަހަރުން ފެށިގެން އޭއެފްސީގެ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު އެފްއޭއެމަށް މިހާރު ހުޅުވިފައ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭއެފްސީގެ މާލީ އެހީ ހޯދުމުގެ ފުރުސަތު ރާއްޖެއަށް ގެއްލުނީ 2024 ގައެވެ.
ބައްސާމްގެ ދެވަނަ ދައުރުގައި އެފްއޭއެމްގެ ފައިސާއަށް ބޮޑެތި ހިޔާނާތްތައްވެ، ނަހަމަ ގޮތުގައި މުއާމަލާތްތައް ހިންގާފައިވާކަން، ފީފާގެ އޮޑިޓް ރިޕޯޓުން ވެސް ވަނީ ހާމަވެފައެވެ.
އެފްއޭއެމްގެ ފައިސާ އަމިއްލަ ކަންކަމަށް ބޭނުންކުރެއްވުމުގެ ދެ ކުށެއް ސާބިތުވެ ބައްސާމް މި ވަގުތު ހުންނެވީ 32 އަހަރުގެ ޖަލު ހުކުމެއްގައެވެ.



