މި އަހަރުގެ އޭލެވެލް އިމްތިހާނު 4،973 ދަރިވަރުންނާ އެކު މިއަދު ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާލޭ ސަރަހައްދުން އޭލެވެލް އިމްތިހާނުގައި 3،284 ދަރިވަރުން ބައިވެރިވާ ކަމަށާއި އެޗްއެސްސީ އެޑެކްސެލް އިމްތިހާނުގައި 1،357 ދަރިވަރުން މިއަހަރު ބައިވެރިވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި އަތޮޅު ތެރެއިން އޭލެވެލް އިމްތިހާނުގައި ބައިވެރިވަނީ 1،689 ދަރިވަރުންނެވެ. އަދި އެޗްއެސްސީ އިމްތިހާނުގައި ބައިވެރިވަނީ 906 ދަރިވަރުންނެވެ.
މިއަހަރު މުޅި ރާއްޖޭގައި އެ އިމްތިހާނު ކުރިއަށް ދަނީ 53 ސެންޓަރެއްގަ އެވެ. އެއީ މާލޭ ސަރަހައްދުގެ ހަތަރު ސެންޓަރަކާއި އަތޮޅުތެރޭގެ 49 ސެންޓަރެއްގަ އެވެ.
އޭލެވެލް އިމްތިހާނު ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 30 ގެ ނިޔަލަށެވެ.
އޭ ލެވެލް އިމްތިހާނު މިއަދު ފެށުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، މަތީ ސާނަވީ އިމްތިހާނަކީ ދަރިވަރުންގެ މުސްތަގުބަލު ބިނާކުރުމުގައި އަދި ވަކީން ހާއްސަކޮށް، މަތީ ތައުލީމު އުނގެނޭނެ ދާއިރާއެއް ހިޔާރުކޮށް ކުރިއަށް ދިއުމުގައި މުހިންމު މަރުހަލާއެއް ކަމަށް ވިދާޅުވި އެވެ. އަދި ދަރިވަރުންނަށް ހެޔޮ ދުއާ އާއި ކާމީޔާބީއަށް އެދިވަޑައިގެންފައިވެ އެވެ.


