ގޭންގު ކުށްތައް ކުރިޔާ އަޅާބަލާއިރު މިހާރު މަދުވެއްޖެ ކަމަށާއި 10 ގޭންގެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ރޭގައި ވިދާޅުވެއްޖެއެވެ.
”އަހާ“ ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ 2007 ވަނަ އަހަރުން ފެށިގެން މި ސަރުކާރު ހަވާލުވަންދެން ގާތްގަނޑަކަށް ކޮންމެ އަހަރަކު ދެއަކާއި ފަހަކާ ދެމެދުގެ އަދަދަކަށް ގޭންގު ކުށްތަކުގައި ޒުވާނުން ގަތުލުކުރަމުން ދިޔަ ކަމަށެވެ.
އެ މައްސަލަ ހައްލުކުރުމަށް ކުރި މަސައްކަތުން ގޭންގުތައް ހިންގާ ސަރަހައްދުތަކުގައި މިހާރު ފުލުހުން ގިނަ ވާނެ ކަމަށާއި އެފަދަ ކުށްތަކުގައި އުޅޭ މީހުން އެ ކުށުން ދުުރުވުމަށް އިޚުތިޔާރު ދީފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އޭގެތެރެއިން ގިނަ ކުދިން ގޭންގުތަކާ ދުރުވެ، ވަޒީފާތަކާ ގުޅިފައިވާ ކަމަށާއި މިހާތަނަށް ގޭންގުތަކާ ގުޅޭ 53 އޮޮޕަރޭޝަން ހިންގުނުކަން މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ. 10،450 އެއްހާ މީހުން ޗެކުކޮށް، އޭގެތެރެއިން 517 ވަނީ ހައްޔަރުކޮށްފައެވެ. އަދި، އެ މީހުންނާ ގުޅޭ 670 ސައިކަލު ޓޯކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”ނަތީޖާއަކީ ކުރިން ފަލަ ސުރުހީތަކުން ފެންނަ ގޮތަށް އެ ތަނުން ވަޅި ޖަހައިގެން މި ތަނުން ޖަހައިފި. މިހެން ތަޅާ މަރަނީ. އެހެން ތަޅާ މަރަނީ. މި ވާހަކަތައް މަދުވާނެ މިހާރު. އަދި، ފާއިތުވި ތިން އަހަރު އަޅުގަނޑުމެންގެ ސަރުކާރުގައި އަދި އެއްވެސް ދިވެހި ރައްޔިތެއްގެ ފުރާނައެއް ގޭންގު މާރާމާރީއެއްގައި ގެއްލިފައެއް ނުވާނެ،“ އިހުސާން ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ، ކުޑަކުދިން ގޭންގުތަކަސް ވައްދަން ސޭފް ހައުސްގެ ގޮތުގައި ހިންގި 26 ތަނެއް ބަންދުކޮށްފައިވާ ކަމަށާއި މިދިޔަ ޖޫން މަހުން ފެށިގެން 10 ގޭންގު ލީޑަރެއްގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.



