ރާއްޖެއަށް މިހާތަނަށް ގެންނަ އެންމެ ބޮޑު އިންވެސްޓުމެންޓާއެކު ރަސްމާލޭގައި ތަރައްގީކުރާ ވޯޓާ ފްރަންޓު އަދި މެރީނާ ތަރައްގީކުރާ އީގަލް ހިލްސް އަށް ދިވެހިންގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އެ ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރު މިއަދު ވިދާޅުވެއްޖެއެވެ.
ރަސްމާލެއަށް އެ ކުންފުނިން ގެންނަން ނިންމާފައިވާ ތަރައްގީގެ ކުލަތައް ފެންނަ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވާ އަލައްބާރު ވިދާޅުވީ، ރާއްޖެއަށް ގެންނަ އެންމެ ބޮޑު އިންވެސްޓުމެންޓާއެކު ދިވެހިންގެ އިތުބާރު އެ ކުންފުންޏަށް އެބައޮތް ކަމަށެވެ.
ރަސްމާލެއަށް 12 ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓުމެންޓެއް ކުރުމަކީ ފަހުރެއް ކަމަށް ވިދާޅުވެ، ދުބާއީ މޯލް އަދި ބުރުޖު ހަލީފާ ބިނާކުރި އިމާރު ޕްރޮޕަޓީސްގެ ވެސް ވެރިޔާ އަލައްބާރު ވަނީ އެތަން ތަރައްގީކޮށް ނިމޭއިރު ހުންނާނެ ގޮތުގެ ތަސައްވުރެއް ވެސް ސިފަކޮށްދެއްވާފައެވެ.
އޭނާ ވިދާޅުވީ ދުނިޔޭގައި އޮތީ އެންމެ ދިވެހިރާއްޖެ އެއް ކަމަށާއި އެންމެން ވެސް ރާއްޖެ ޒިޔާރަތްކުރަން ބޭނުންވާ ކަމަށެވެ.
”ރާއްޖެ އަކީ މި ދުނިޔެމަތީ އޮތް އެންމެ ހިތްގައިމު މަންޒިލް. އެންމެ ފުރިހަމަ ޗުއްޓީއެއް ހޭދަކުރުމުގެ ފުރުސަތު ލިބޭތަން،“ އަލައްބާރް ވިދާޅުވިއެވެ.
ދެން އޭނާ ސުވާލު ކުރެއްވީ މި ހުރިހާ ހިތްގައިމުކަމަކާއެކު ރާއްޖޭގައި ދިރި ނޫޅެންވީ ކީއްވެތޯއެވެ.
އީގަލް ހިލްސް އިން ތަރައްގީކުރާ މެރީނާގައި ހިތްގައިމު ގޮނޑުދޮށްތަކާއި ރެސްޓޯރެންޓުތަކުގެ އިތުރުން ހޮޓެލްތަކާއި ކުޅިވަރުކުޅޭނެ ވަސީލަތްތައް އަދި ކުޑަކުދިންނަށް ހާއްސަ ހަރަކާތްތައް ވެސް ހުންނާނެ ކަމަށް އެ ވީޑިއޯގައި އަބްރާރު ވިދާޅުވިއެވެ.



