މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދުގެ އަނބިކަނބަލުން ޑރ. ތުން ސިތީ ހަސްމާ މުހައްމަދު އަލީ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އުމުރުފުޅުން 100 އަހަރުގައި މަހާތީރުގެ އަނބިކަބަލުން އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެކަމަނާ އަވަހާރަވީ މެލޭޝިއާގެ ނެޝަަނަލް ހާޓް އިންސްޓްޓިއުޓްގައި ފަރުވާ އެޑްމިޓްކުރެއްވި ފަހުންނެވެ.
އެކަމަނާ އަވަހާރަވުމާ ގުޅިގެން ރައީސް މުއިއްޒު ވަނީ ފިރިކަލުން މަހާތީރަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި އެކަމަނާ އަށް ހެޔޮ ރަހުމަތްލައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ. ރައީސް ވަނީ އެކަމާ މެލޭޝިއާއަށް ކޮށްދެއްވައިފައިވާ ހިދުމަތްތައް ވެސް ތައުޒިޔާގެ މެސެޖުގައި ފާހަގަކުރައްވައިފައެވެ.
އެގޮތުން އެކަމަނާއަކީ މެލޭޝިއާގެ އެންމެ ފުރަތަމަ އަންހެން ޑޮކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެއް ކަމަށާއި އަދި މިންތީގެ ހަމަހަމަ ކަމާއި އަންހެނުން ސިއްހަތަށްޓަކައި އެކަމަނާ ކޮށްދެއްވި މަސައްކަތްތައް ރައީސް ފާހަގަކުރެއްވިއެވެ.
މެލޭޝިޔާ ސަރުކާރުން ވަނީ ސިތީ ހަސްމާގެ ޖަނާޒާ ދައުލަތުގެ ފެންވަރުގައި ބޭއްވުމަށް ނިންމާފައެވެ. އަދި ބޮޑުވަޒީރު އަންވަރު ވަނީ ޖަނާޒާގެ ކަންކަން އިންތިޒާމުކުރުމުގައި އެހީތެރިވުމަށް ސަރުކާރާއި އަސްކަރިއްޔާގެ އިސްވެރިންނަށް އަންގަވާފައެވެ.
މެލޭޝިޔާގެ ރަސްގެފާނު ސުލްތާން އިބްރާހީމާއި ރާނީ ރާޖާ ޒަރިތު ސޯފިއާވެސް ވަނީ ސިތީ ހަސްމާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައި، ސިޔާސީ ލީޑަރުންނާއި އާންމުންނާއެކު ހިތާމައިގައި ބައިވެރިވެވަޑައިގެންފައެވެ.
ޖުލައި 12، 1926 ގައި ސެލަންގޯގެ ކްލޭންގަށް އުފަންވި ސިތީ ހަސްމާއަކީ މެޑިކަލް ދާއިރާއަށް ނުކުންނެވި މެލޭޝިޔާގެ އަންހެނުންގެ ފުރަތަމަ ޖީލުގެ ބޭފުޅެކެވެ.
އެކަމަނާ ތައުލީމު ހާސިލުކުރެއްވީ ސިންގަޕޫރުގެ ކިންގް އެޑްވަރޑް 7 ކޮލެޖް އޮފް މެޑިސިންއިންނެވެ. އެ ބެޗުން ތައުލީމު ހާސިލުކުރި ހެކި އަންހެނަކީވެސް އެކަމަނާއެވެ. މަހާތީރާ އެންމެ ފުރަތަމަ ބައްދަލުވީވެސް އެ ކޮލެޖުންނެވެ. 1955 ގައި ޑޮކްޓަރުކަން ހާސިލުކުރެއްވުމަށްފަހު، އެކަމަނާ ވަނީ ކުއާލަލަންޕޫރު ޖެނެރަލް ހޮސްޕިޓަލުގައި ހައުސްމަންޝިޕް ފުރިހަމަކުރައްވާފައެވެ.
ސިތީ ހަސްމާއާއި މަހާތީރު ކައިވެނިބައްލަވައިގަތީ އޮގަސްޓު 1956 ގައި ކުއާލަލަންޕޫރުގައެވެ. އެ ދެބޭފުޅުންނަށް ހަތް ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ.
1981 އިން 2003 އަށް އަދި 2018 އިން 2020 އަށް މަހާތީރު މެލޭޝިޔާގެ ބޮޑުވަޒީރުކަން ކުރެއްވި ދެ ދައުރު ހިމެނޭހެން، އެ ދެބޭފުޅުންގެ ކައިވެންޏަށް 70 އަހަރު ވެފައިވެއެވެ.
ނަމަވެސް، އެކަމަނާގެ އިޖުތިމާއީ ޚިދުމަތްތަކަކީ މެލޭޝިޔާގެ އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާގެ އަނބިކަނބަލުންގެ ދައުރަށްވުރެ މާ ފުޅާދާއިރާއެއްގައި ފެނިގެންދިޔަ މަސައްކަތްތަކެކެވެ.
މެޑިކަލް ދާއިރާގައި މަސައްކަތްކުރެއްވި ދުވަސްވަރު ސިތީ ހަސްމާ ވަނީ މައިންނާއި ކުޑަކުދިންގެ ސިއްހަތާ ގުޅޭގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. 1965 ގައި ކެޑާގެ މައިންނާއި ކުޑަކުދިންގެ ސިއްހަތާ ބެހޭ ޑިޕާޓްމަންޓުގެ މެޑިކަލް އޮފިސަރަކަށް އައްޔަންކުރެއްވި ފުރަތަމަ އަންހެން ބޭފުޅަކީ އެކަމަނާއެވެ. އަދި 1974 ގައި އެ ސްޓޭޓްގެ މައިންނާއި ކުޑަކުދިންގެ ސިއްހަތާ ބެހޭ އިސް އޮފިސަރުގެ މަގާމު ފުރެއްވި ފުރަތަމަ އަންހެން ބޭފުޅަކީވެސް އެކަމަނާއެވެ.
މީގެއިތުރުން، އާއިލާ ރޭވުމާއި، ކުޑަކުދިންގެ ރައްކާތެރިކަމާއި، އިޖުތިމާއީ އަލުން އާރާސްތުކުރުމާއި، އާންމު ސިއްހަތާއި، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވުނު މަސައްކަތްތަކުގައިވެސް އެކަމަނާ ވަނީ އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.
އަހަރުތަކެއް ވަންދެން ސިތީ ހަސްމާ ވަނީ ސިއްހީ ދާއިރާއާއި، ކުޑަކުދިންގެ ރައްކާތެރިކަމާއި، މުޖުތަމައު ތަރައްގީކުރުމަށް މަސައްކަތްކުރާ ގިނަ ޖަމިއްޔާތަކެއްގެ މަގާމުތައް ފުރައްވާފައެވެ. އަދި މައިންގެ ސިއްހަތާއި، ކުޑަކުދިންގެ ސިއްހަތުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކަށް ވަކާލާތުކުރުމުގެ ހަރަކާތްތަކުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.
މަހާތީރު ސަރުކާރުގައި ހުންނެވި ދުވަސްވަރުވެސް ސިތީ ހަސްމާ ވަނީ އާންމު ސިއްހަތާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދަވާފައެވެ. މީގެއެކު އެކަމަނާ ވެގެންދިޔައީ މެލޭޝިޔާގެ އާންމުންގެ މެދުގައި އެންމެ މަގުބޫލު އެއް ޝަޚުސިއްޔަތަށެވެ.
އަންވަރުގެ ތައުޒިޔާގައި ވިދާޅުވީ ސިތީ ހަސްމާގެ ޚިދުމަތްތަކާއި އޯގާތެރިކަން އަބަދުވެސް ހަނދާން ހުންނާނެ ކަމަށެވެ. އަދި އެކަމަނާ އަވަހާރަވުމަކީ މެލޭޝިޔާގެ ރައްޔިތުންގެ ހިތްތަކުން ޚާއްސަ ޖާގައެއް ހޯއްދަވާފައިވާ ބޭފުޅެއް ވަކި ވެގެންދިއުން ކަމުގައި ސިފަކުރެއްވިއެވެ.



