މިއަހަރު ނިމޭއިރު ކުންފުނިތަކުގެ މުވައްޒަފުންގެ ޢަދަދު ހުންނާނީ ކުންފުނިތަކަށް ބޭނުންވާ ވަރަށްކަމަށާއި ކުންފުނިތަކުގެ ހިންގުމުގެ ނިޒާމު ވަރުގަދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ ކުންފުނިތަކަށް ބޭނުން ނުވާވަރަށް މުވައްޒަފުން ނަގާފައިވަނީ ސިޔާސީ މަންފާއެއް ހާސިލުކުރުމުގެ ބޭނުމުގައިކަމަށެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ކުންފުނިތަކުން މުވައްޒަފުން ވަކިނުކުރާނެކަމަށް ވިދާޅުވިކަމަށާއި އެގޮތަށް 2 އަހަރު ތެރޭގައި މީހުން ވަކިކޮށް ފިޔަވަޅުތަކެއް އަޅާފައި ނުވާނެ ކަމަށެވެ.
އެހެންނަމަވެސް ސަރުކާރުގެ ބައެއް ކުންފުނިތަކަށް މީހުން ނަގާފައިވަނީ ކުންފުނިތަކަށް ބޭނުންވާ ވަރަށް ވުރެ އެތައް ގުނައެއް އިތުރުކޮށްކަމަށްވާއިރު، މިފަދަ ގިނަ މުވައްޒަފުންނަކީ މަސައްކަތެއްނެތި ހަމައެކަނި އެފަރާތްތަކަށް މުސާރަ ޖަމާވަމުންދާ މުވައްޒަފުންކަމަށެވެ. ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދެވުމަށްޓަކައި ކުންފުނިތަކުގައި އެއްވެސް މަސައްކަތެއް ނެތި ތިބި މުވައްޒަފުން ވަކިކުރަންޖެހޭނެކަމަށް ޤަބޫލުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ކުންފުނިތަކުން މުވައްޒަފުން ވަކިކުރާއިރުވެސް އެމީހުންގެ އަޚުލާޤީ މައްސަލަތަކަށް ބަލާނެކަމަށެވެ. އެގޮތުން ހާޒިރީއާއި މަސައްކަތްކުރާ މިންވަރު ވަޒަންކުރެވޭނެކަން ފާހަގަކުރައްވާ ވިދާޅުވީ ވަކިކޮށްލާ ގިނަ މުވައްޒަފުންނަށްވެސް އިތުރު ގޮތްތައް ހޯއްދަވައިދެއްވާނެ ކަމަށެވެ.


