ކަނޑުމަގުން ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 8 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން އާންމުކުރި ޕޯސްޓެއްގައި ބުނީ އާއްމު މުދަލުގެ ގޮތުގައި މާލޭގެ ވިޔަފާރި ބަނދަރަށް މިދިޔަ އާދިއްތަ ދުވަހު ޑިކްލެއާ ކުރި ޝިޕްމަންޓެއް ފާސްކުރިއިރު ގިނަ އަދަދެއްގެ ސިނގިރޭޓު ފޮރުވާފައި ހުއްޓާ ފެނުނު ކަމަށެވެ.
އޭގެ ތެރެއިން ފެނުނު 8،527،489 ސިނގިރޭޓު ސްޓިކްސް ހޯދައި ކަސްޓަމްސްގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެނެސްފައެވެ.
އިމްޕޯޓް/އެކްސްޕޯޓުގެ ގާނޫނަށް 2024 ވަނަ އަހަރު ގެނައި އިސްލާހާ އެކު، ދުންފަތުގެ އިމްޕޯޓު ޑިއުޓީ ބޮޑުވުމުން ވަގަށް އެ ތަކެތި އެތެރެކުރުމުގެ މައްސަލަ ވަރަށް ބޮޑުވި އެވެ.
އޭގެ ތެރެއިން، އެއް ފަހަރަކު ވަގަށް އެތެރެކުރި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ވެސް އަތުލައިގަތެވެ.


