ރ. އަނގޮޅިތީމުގައި އުމުރުން 72 އަހަރުގެ ދިވެހި އަންހެނަކު ގޭގައި ނަމާދަށް ހުއްޓައި، އޭނާ މަރާލާނެކަމަށް އިންޒާރުދީ ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެރަށު ގެއަކަށް މީހަކު ވަދެ 72 އަހަރުގެ ދިވެހި އަންހެނަކާމެދު ގަދަކަމުން ޖިންސީ ގޯނާކޮށް މަރާލާނޭ ކަމަށް ބުނެ އިންޒާރުދިން މައްސަލަ މިދިޔަ އާދީއްތަ ދުވަހުގެ ރޭ 8:30 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.
އަނިޔާ ލިބުނު އަންހެން މީހާއަށް އަނގޮޅިތީމު ހެލްތު ސެންޓަރުގައި ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން 44 އަހަރުގެ ދިވެހި ފިރިހެނަކު ރޭ 21:57 ހާއިރު ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


