މިއަހަރުގެ މިހާތަނަށް 37،038 މީހުން ގައިންގަޔަށް ނާރާ ބައްޔަށް ސްކްރީންކޮށްފައިވާކަމަށާއި އޭގެ ތެރޭގައި %18 މީހުންނަކީ ލޭ މައްޗަށް ދާ މީހުންކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ދުނިޔޭގެ ހިތުގެ ދުވަހާ ގުޅިގެން އެޗްޕީއޭއިން މިއަދު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ވަކި ޝިއާރެއް ކަނޑައަޅައިގެން މިދުވަސް ފާހަގަކުރުމަށް އެކި ހަރާކާތްތައް ކުރިއަށް ގެންދެވެނީ ހިތުގެ ދުޅަހެޔޮކަމާ ބެހޭ ގޮތުން ހޭލުންތެރިކޮށް، ހިތުގެ ބަލިތަކަށް ހުށަހެޅޭ ހިރާސްތައް ދެނެގަނެ ރައްކާތެރިވެތިބުމަށް ބާރު އެޅުމާއި ހިތުގެ ދުޅަހެޔޮކަމަށް މަގުފަހިވާގޮތަށް ދިރިއުޅުން ބައްޓަން ކުރާނެ ގޮތާއި ހިތުގެ ބަލިތަކުގެ ނުރައްކާތައް އަންގައިދީ ހޭލުންތެރިކުރުމަށް ކަމަށެވެ.
މި އަހަރުގެ ހިތުގެ ދުވަހުގެ ޝިޢާރަކީ ”ޑޯންޓް މިސް އަ ބީޓް“ އެވެ. މި ޝިއާރުގެ މަޤްސަދަކީ ހިތާއި ލޭހުޅޮޅިތަކުގެ ބަލިތަކުގެ އަލާމާތްތައް ދެނެގަނެ، ފަރުވާ އަވަހަށް ފެށުމަށް ބާރުއެޅުމެވެ. މި ގޮތުން ކޮންމެ މީހަކުވެސް، ހިތުގެ ބަލިން ރައްކާތެރިވުމަށް އަމަލީގޮތުން ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުގެނައުމާއި ދުރާލާ ހިތުގެ ބައްޔަށް ސްކްރީންކުރުމަށް އަހުލުވެރިކޮށް ބާރުއެޅުން ހިމެނެއެވެ.
ހިތާއި ލޭހޮޅިތަކުގެ ބައްޔަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ އެއްބައްޔެވެ. ދިވެހިރާއްޖޭގައި ވެސް ގައިންގަޔަށް ނާރާ ބަލިތައް ނިސްބަތުން ގިނަވެ، މަރުވާ މީހުންގެ %84 އަކީ މިފަދަ ބަލިތައް ތަޙައްމަލު ކުރާ މީހުންނެވެ. ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސްތައް ދެނެގަތުމުށް ހެދުނު ”ނޮން ކޮމިއުނިކަބްލް ޑިޒީޒް ރިސްކް ފެކްޓަރ ސަރވޭ 2020 -2021“ ދައްކާ ގޮތުގައި ރާއްޖޭގައި 15 އަހަރާއި 65 އަހަރާ ދެމެދުގެ %4.7 މީހުންނަކީ ހިތުގެ ބަލި، ސްޓްރޯކް އަދި އެންޖީނާ ފަދަ ބަލިތައް ޖެހިފައިވާ މީހުންނެވެ.




