އައިފިލްސްއިން އަލަށް އުފައްދާ ފިލްމް ”ޕާޓީ“ އަންނަ އަހަރު ޖެނުއަރީގައި ރިލީޒްކުރާނެކަން އިއްޔެ ހާމަކޮށްފިއެވެ.
މި ފިލްމުގެ ޝިއާރަކީ ”ނުދައްކާ ވާހަކަ“ އެވެ. ޝިއާރަށް ބަލައިލުމުންވެސް މިއީ ވަރަށް ތަފާތު އެހެންނަމަވެސް، މުޖުތަމައުގައި ނުދެއްކިހުރި ވާހަކަތަކެއް ފެންނާނެ ފިލްމެއްކަމަށް ބެލެވެއެވެ.
މިއަހަރުގެ ޖޫން މަހު ޝޫޓިންގް ފަށާފައިވާ މި ފިލްމުގައި ހަރަކާތްތެރިވާ ތަރިންގެ ގޮތުގައި މިހާތަނަށް ހާމަކޮށްފައިވަނީ، ދިވެހި ފިލްމް އިންޑަސްޓްރީގެ ”ރާނީ“ ގެ ލަގަބު ދީފައިވާ ނިއުމާ މުޙައްމަދު އާއި ކޮންމެ ރޯލަކުންވެސް ތަފާތު މޮޅު އެކްޓިންގެއް ދައްކުވައިދެމުން އަންނަ އެފަދަ ދެވަނައެއް ނެތް އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އެވެ.
މިއީ ފިލްމު އިންޑަސްޓްރީއާ ދުރުގައި ދިގު މުއްދަތަކަށް ހުރުމަށްފަހު ނިއުމާގެ އެނބުރި އައުން އަލުން ފެންނާނެ ފިލްމެކެވެ. މީގެ އިތުރުން މިއީ 10 އަހަރަށްފަހު ނިއުމާއާއި ކޮޕީ އިއްސެވެސް އެކުގައި ފެންނާނެ މަސައްކަތެކެވެ.
މި ދެތަރިންގެ އިތުރުން އައިފިލްމްސްއިން މިހާތަނަށް ހާމަކޮށްފައިވަނީ ”ޕާޓީ“ ގައި އަލީ އާޒިމް (ދޮން އައްޔަ) ވެސް އުޅޭނެ ކަމެވެ. އޭނާއަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ގަދަޔަށް ފައިތިލަ ސާބިތުކޮށްފައިވާ އެންމެ ކުޅަދާނަ އެއް ތަރިއެވެ.
”ޕާޓީ“ އަކީ ”ބަވަތި“، ”ނީނާ“، ”ފްރީ ޑެލިވަރީ“ ފަދަ ކާމިޔާބު އެތައް ފިލްމެއް ލިޔެ ޑައިރެކްޓު ކޮށްފައިވާ ކުޅަދާނަ ލިޔުންތެރިޔާ އިލްޔާސް ވަހީދު (އިއްލެ) ގެ ޑައިރެކްޝަނެކެވެ.
އައިފިލްމްސް އިން ހާމަކުރިގޮތުގައި ”ޕާޓީ“ އޮލިމްޕަސް ސްކްރީނަށް އަންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުގައެވެ.



