ކައިވެނި ކުރަން ކޮންމެ ކޯޓަކަށް ހުށަހެޅިޔަސް، ކައިވެނި ފޯމާ އެކު، ތެލަސީމިއާ ”ވާރުތަ ކާޑު“ ހުށައެޅުން މިއަދުން ފެށިގެން ލާޒިމްކޮށްފިއެވެ.
ކައިވެނި ކުރަން ހުށަހަޅާ ފޯމާ އެކު ތެލަސީމިއާ ކާޑު ހުށަހެޅުމަށް މީގެ ކުރިން ވެސް އޮވެ އެވެ. އެކަމަކު އެކަން ލާޒިމް ކުރުމާއި ނުކުރުން ބޮޑަށް އޮންނަނީ، އެ ކޯޓަކަށް ދޫކޮށްލާފަ އެވެ. އެހެންވެ، ބައެއް ރަށްރަށުގެ ކޯޓުތަކުން ކައިވެނިކޮށްދޭއިރު ވާރުތަ ކާޑަކަށް ނުބަލައެވެ.
ނަމަވެސް މިދިޔަ ޖުލައި މަހު ގެޒެޓްކޮށް، އަންނަ މަހުން ފެށިގެން އަމަލު ކުރާ މެޖިސްޓްރޭޓް ކޯޓުގެ ގަވައިދުގައިވާ ގޮތުން ކައިވެނިކުރުމަށް އެދި ހުށަހަޅާއިރު، ކައިވެނިކުރަން އެދޭ ދެ މީހުން ތެލަސީމިއާއަށް ޓެސްޓްކޮށް، އޭގެ ނަތީޖާ (ތެލެސީމިއާ ކާޑު) ހުށަހެޅުމަކީ ކުރަން ޖެހޭނެ ކަމެކެވެ.
އެހެންވެ، ކުރިން އެކަމުގައި ލުއި ދީފައިވާ ކޯޓުތަކުން ވެސް މިހާރު އަންނަނީ ކާޑު ހުށަހެޅުމަށް އަންގާ އިއުލާނު ކުރަމުންނެވެ.
ގަވައިދުގައި ބުނެފައިވާ ގޮތުން، ކައިވެނިކުރަން އެދޭ ދެ މީހުން ކުރެ އެކަކުގެ ކިބައިގައި ތެލެސީމިއާ ވާރުތަކުރާ ގޮތް ނެތް ނަމަ، ކައިވެނިކުރަން އެދޭ ދެވަނަ މީހާގެ ތެލެސީމިއާ ޓެސްޓުގެ ނަތީޖާ ހުށަހެޅުން ލާޒިމެއް ނޫނެވެ.
އެގޮތުން ފެމިލީ ކޯޓުން ބުނީ އެ ކޯޓުން ކައިވެނި ކޮށްދޭއިރު، ތެލެސީމިއާ ކާޑު ހުށަހެޅުން އަބަދު ވެސް ލާޒިމު ކަމަށެވެ.
އެގޮތަށް ކާޑު ހެއްދުމަކީ މާލެ އައިސް ކުރެވެން އޮންނަ ކަމަކަށް ވުމުން، އެ ތަކުލީފަށް ލުޔެއް ދިނުމަށް ބައެއް ރަށްރަށުގެ ކޯޓުތަކުން އެ ކާޑަށް ނުބަލައެވެ. އެހެންވެ، އެ އިހްތިޔާރު ކޯޓުތަކަށް ވެސް އޮންނަނީ ދޫކޮށްލާފައެވެ.


