ސިހުރު ހަދާކަމުގެ ތުހުމަތުގައި ތ. ވަންދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަނީ މީހަކު ސިއްރުން ކަހަލަ ގޮތަކަށް އެއްޗެއް މޫދަށް ދޫކޮށްލާ މަންޒަރެވެ. އަދި ދައުރުވެފައިވާ ފޮޓޯއަކުން ފެންނަނީ، ސިހުރުފަދަ އެއްޗެއް ފިލާގަނޑެއްގައި ލިޔެފައިވާ މަންޒަރެވެ.
މިކަމާ ބެހޭގޮތުން ފުލުހުން މިރޭ ވިދާޅުވީ، ތ. ވަންދޫގައި ސިހުރު ހަދާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް 2026 ސެޕްޓެމްބަރު 29 ވަނަ ދުވަހުގެ ހަވީރު 18:05 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި 61 އަހަރު ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ބައެއް މީހުން ބުނި ގޮތުގައި މި މައްސަލައިގެ ތުހުމަތާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އެ ރަށު މުދިމެކެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




