ޓޫރިސްޓުންނަށް ރާއްޖެއިން ބުކިން ހަދައިދޭ ބުކިން ޕްލެޓްފޯމްތަކާއި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެެލް އެެޖެންޓުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް ގާނޫނަށް ގެނައި ބަދަލުތަކަށް އިތުރު އިސްލާހުތަކެއް ގެންނަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ޓޫރިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެެލް އެެޖެންޓުން އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް ޓެކްސްއާ ބެހޭ ގާނޫނު މިދިޔަ މަހު ތަސްދީގު ކުރުމާ އެކު ޓޫރިޒަމް ދާއިރާ އާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ ބޮޑެތި ޝަކުވާތަކެއް ލިބިފައިވާކަން މިނިސްޓަރު އަމީން ފާހަގަކުރެއްވިއެވެ.
”މިވަގުތު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން ޓީޖީއެސްޓީ ގާނޫނަށް ވަރަށް އަވަހަށް ބަދަލުތަކެއް ގެންނަން“ މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން އަމީން ވިދާޅުވީ، 2040 ވަނަ އަހަރު ރާއްޖެ އެންމެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށްޓަކައި ޓޫރިޒަމް ދާއިރާ ވެސް އިތުރަށް ޑައިވާސިފައި ކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.
އެ ގާނޫނުގައިވާ ގޮތުން އެފަދަ ބަދަލުތަކެއް ގެނައީ، އޯފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުން ދޭ ހިދުމަތްތަކުން ޖީއެސްޓީ ނަގާނެ އުސޫލުތައް ޓެކްސް ގާނޫނަށް އިތުރުކުރުމެވެ. އެއީ ޓެކްސް ނެގުމުގެ ނިޒާމުގައި ހުރި ދަތިތައް ހައްލުކޮށް، އެ ނިޒާމު ހަރުދަނާކުރަން ގެންނަ ބަދަލުތަކެއް ކަމަށް ގާނޫނުގައިވެއެވެ.
އެ ބަދަލުތަކާ އެކު ޓެކްސް ނަަގަން ފަށައިފި ނަމަ ބޭރުގެ ޓްރެވެލް އެޖެންޓުން ދައްކާ 299.3 މިލިއަން ރުފިޔާ އާއި ފޮރިން ޓުއާ އޮޕަރޭޓަރުން ދައްކާ 1.3 ބިލިއަން ރުފިޔާއާ އެކު ދައުލަތަށް އަހަރަކު 1.6 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.



