ދިވެހި ސިފައިން ތިބީ ގައުމަށް ދިމާވެދާނެ ކޮންމެ ނުރައްކަލަކަށް ވަރަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށާއި، ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ފަދަ ހަމަލާއެއް ދެން މި ގައުމަށް ކުރިމަތި ނުވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދު ރޭގައި ވިދާޅުވެއްޖެއެވެ.
”އަހާ“ ފޯރަމްގައި އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވިޔަސް އަދި ވައިގެ ސަރަހައްދުން ވިޔަސް ދިމާވެދާނެ ކޮންމެ ނުރައްކަލަކަށް ދިވެހި ސިފައިން އަބަދުވެސް ތިބެނީ ތައްޔާރީ ޙާލަތުގައި ކަމަށެވެ.
ނޮވެމްބަރު 3، 1988ގައި ރާއްޖެއަށް ބޭރުގެ ބަޔަކު އަރައި ދިން ޓެރަރިސްޓް ހަމަލާއަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، އެއީ ދިވެހިން ތަޖުރިބާކޮށްފައިވާ ނުރައްކާތެރި ހާދިސާއެއް ކަމަށާއި، ނަމަވެސް މިހާރު އެފަދަ ހަމަލާއެއް ނުދެވޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
”އަޅުގަނޑުމެން ވާނެ ތަޖުރިބާ ކޮށްފަ 1988، ނޮވެމްބަރު މަހުގެ 3ގަ ދިވެހިރާއްޖެއަށް ދިން ޓެރަރިސްޓު ހަމަލާ. އަޅުގަނޑަށް ޔަގީންކަމާއެކު ދަންނަވަން ކެރޭ މިހާރު އެފަދަ ހަމަލާއެއް ނުދެވޭނެ ކަމަށް.“ ހަސަން ރަޝީދު ވިދާޅުވިއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ފުރިހަމަކަމާއެކު ސިފައިންގެ މަސައްކަތް ކުރެވޭނީ އެކަމަށް ބޭނުންވާ ވަސީލަތްތައް ހަމަޖައްސައިގެންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގައުމީ ދިފާޢީ ބާރުގެ ވަސީލަތްތައް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.


