މެލޭޝިޔާގައި އިއްޔެ ހިނގި ކާރު އެކްސިޑެންޓުގައި ނިޔާވި ދިވެހި ދަރިވަރުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ސ. ހިތަދޫއަށް ނިސްބަތްވާ، އުމުރުން 21 އަހަރުގެ އިމީލީ ނާޒިމެވެ.
ރައީސް މުޢިއްޒު މިއަދު ”އެކްސް“ ގައި ވަނީ، ޒުވާން ފުރާނައެއް ވަކިވެދިޔުމުގެ މި ފުން ހިތާމައިގައި އާއިލާއާ އެކު ބައިވެރިވެވަޑައިގަންނަވާކަން ހާމަކުރައްވައިފައެވެ. އަދި މަރުޙޫމާގެ ފުރާނައަށް މާތްﷲގެ ތަނަވަސްވެގެންވާ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާ ކުރައްވާފައެވެ.
އިމީލީއަކީ މެލޭޝިއާގެ ޓެއިލާސް ޔުނިވަސިޓީގައި ތައުލީމު ހާސިލުކުރަމުން އައި ދަރިވަރެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ ކުއާލަ ލަމްޕޫރުން ވިޔަފާރިކުރުމަށް ފަހު، ގްރެބް އެޕްލިކޭޝަން މެދުވެރިކޮށް ހޯދި ކާރެއްގައި އެނބުރި ގެއަށް ދިޔަ މަގުމަތީގައެވެ. ދެ ކާރު ޖެހި ހިނގި މި އެކްސިޑެންޓުގައި، ދިވެހި ދަރިވަރުން ދަތުރުކުރި ކާރު ވަނީ ފުރޮޅާލައި، އަނެއްފުށަށް ޖެހިފައެވެ. މި ހާދިސާގައި އިމީލީގެ ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބި، އޭނާ ނިޔާވީ އެކްސިޑެންޓު ހިނގި ސަރަހައްދުގައެވެ. އަދި ހާދިސާއަށް ފަހު އޭނާ ގެންގޮސްފައިވަނީ ޕުޗޮންގ ހޮސްޕިޓަލަށެވެ.
މި އެކްސިޑެންޓު ހިނގި ވަގުތު ކާރުގައި އިތުރު ދިވެހި އަންހެން ދަރިވަރަކު ވެސް އިނެވެ. އެނގިފައިވާ ގޮތުގައި އެ ދަރިވަރުގެ ފަޔަށް އެކި ވަރުގެ އަނިޔާތައް ލިބުނު ނަމަވެސް، ހާލު ސީރިއަސްއެއް ނޫނެވެ.



