ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުފެއްދި މަރު ކޮމިޝަނުގެ ރިޕޯޓުތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ދިރާސާކޮށް ނިމޭނެ ކަމަށް ބަންޑާރަނައިބު (އޭޖީ) އަހްމަދު އުޝާމް ރޭގައި ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ގުޅިގެން ބޭއްވި ”އަހާ“ ފޯރަމްގެ 8 ވަނަ އެޕިސޯޑުގައި އުޝާމް ވިދާޅުވީ ކުރީގެ ސަރުކާރުން މަރު ކޮމިޝަން އުފެއްދި ނަމަވެސް އެ ވެރިކަން ނިމުނުއިރު ވެސް އެ ކޮމިޝަނުގެ މައްސަލަތައް ނުނިމި ހުރި ކަމަށެވެ.
ނަމަވެސް މި ސަރުކާރު އައިފަހުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އެ ކޮމިޝަނުގެ މައްސަލަތައް ނިންމުމަށް ޖޫން 2024 އާ ހަމައަށް ފުރުސަތު ދިން ކަމަށާއި އެ މުއްދަތާ ހަމައަށް ބައެއް މައްސަލަތައް ނިންމައި ކޮމިޝަނުގެ ރިޕޯޓުތައް ރައީސަށް ހުށަހަޅުއްވާފައިވާ ކަމަށް އޭޖީ ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ، މިހާރު ކުރިއަށް ގެންދަނީ އެ ރިޕޯޓުތައް ދިރާސާކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމައި، ރައީސަށް ލަފާ އެރުވުމުގެ އިތުރުން އެ ރިޕޯޓުތައް ދިރާސާކުރުމުގައި އާންމު ކުރެވޭނެ ކަހަލަ މައުލޫމާތު ހުރި ރިޕޯޓުތައް އާންމުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”ދިމާވާ މައްސަލައަކީ އެ ރިޕޯޓުތައް އެކުލަވާލާފައި ހުރި ގޮތުން، އެ ރިޕޯޓުތަކަށް މައުލޫމާތު ދީފައި ހުރި ގޮތުން އޭގަ އެބަހުރި ފުލުހުންގެ އިންޓަލިޖެންސް ބައެއް ސިއްރު މައުލޫމާތު ހިމެނޭ ކަންކަން. އެހެންވެ، އެއީ ކިހާވަރަކަށް ހާމަކުރެވޭނެ އެއްޗެއްތޯ އެކަން ބަލަމުން މިހާރު މިދަނީ،“ ބަންޑާރަ ނައިބު ވިދާޅުވިއެވެ.
ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ ދައްތަ ޝެހެނާޒް ވަނީ މަރު ކޮމިޝަނުން ރިލްވާންގެ މައްސަލައިގައި ނިންމާފައިވާ ގޮތް ސާފުކޮށްދިނުމަށް ރޭގެ ”އަހާ“ ފޯރަމްގައި އެދިފަ އެވެ. ރިލްވާންގެ މައްސަލާގައި މަރު ކޮމިޝަންގެ ރިޕޯޓްތައް ހޯދުމަށް އޭޖީއާ ބައްދަލުކުރަން އެދިފައިވާތާ ހަތަރު މަސްދުވަސްވެފައިވާއިރު ވެސް ޚަބަރެއް ނުވާތީ އޭނާ ކަންބޮޑުވުން ފާޅުކުރިއެވެ.


