ޓެކްނޮލަޖީއާއެކު ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކަށް މުދައްރިސުން ހޭނުމަށް ތަމްރީން ދިނުމަކީ މުހިއްމުކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ ވަނީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ފޮނުވާފައެވެ. ފަސްޓްލޭޑީ ސާޖިދާ ވަނީ މުދައްރިސުން ކުރަމުންދާ ބުރަ މަސައްކަތްތަކާއި އޯގާތެރިކަމާއެކު އުނގަންނައިދިނުމަށް ކުރާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.
އަޅުގަނޑުމެންގެ ދަރިންނަށް މަގުދައްކައިދީ ތަރުބިއްޔަތުކޮށް، މިއަދު އަޅުގަނޑުމެން ފަޚުރުވެރިވާ ހަރުދަނާ އަދި އަޅާލާ މުޖުތަމަޢުތައް ބިނާކުރުމުގައި މުދައްރިސުން މުހިންމު ދައުރެއް އަދާކުރާކަމަށް ފަސްޓްލޭޑީ ސާޖިދާ ވިދާޅުވިއެވެ. އަދި ކްލާސްރޫމްތައް ޓެކްނޮލޮޖީއާއި އޭއައި އާއެކު ތަރައްޤީވަމުންދާއިރު މުދައްރިސުންނަށް ތަފާތު ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް ވިދާޅުވިއެވެ.
އެހެންކަމުން، މި ބަދަލުތަކަށް އިތުބާރާއެކު ހޭނުމަށް މުދައްރިސުން ބާރުވެރިކޮށް، ތަމްރީނު ދިނުމަކީ މުހިންމުކަމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.



