މަސްތުވާތަކެތި ހޯދާނެ ފައިސާ ނެތިގެން ރުޅިގަދަވެ، މަންމަ ދިރިއުޅޭ ގޭގެ ބަދިގެއާއި ކޮޓަރިއަށް ގެއްލުންދިން މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ ޖަލަށް ލުމަށާއި ގެއްލުމުގެ ބަދަލު ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ހުކުމް އައިސްފައިވަނީ ށ. މާއުނގޫދޫ، އަސަރު / އާދަމް ހަންނާދު ގެ މައްޗަށެވެ.
ޝަރީޢަތުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، މިދިޔަ އޮގަސްޓް 16 ވަނަ ދުވަހުގެ ރޭގަނޑު މ. މާކަރަ ގޭގައި ހިނގި މި ހާދިސާގައި އާދަމް ހަންނާދު ވަނީ އެގޭ ބަދިގޭގައި ހުރި ބޮޑު ބާލިދީއެއްގެ މަތިގަނޑު ފަޅާލައި، ކާން ގެންގުޅޭ ތަށިތަކެއް ތަޅާލައި، އަދި އޭނާގެ މަންމަ ދިރިއުޅޭ ކޮޓަރީގެ ދޮރަށް ކަތުރަކުން ޖަހައި ގެއްލުންދީފައެވެ.
ޝަރީޢަތުގައި ވާހަކަދައްކަމުން އާދަމް ހަންނާދު ބުނެފައިވަނީ، އެ އަމަލު ކުރެވުނީ ބަލިވެގެން މަސްތުވާން ލާރި ނެތިގެން އަދި މަސްތުވާތަކެތި ނުލިބިގެން އައި ”ސިނގު ރުޅިއެއްގައި“ ކަމަށެވެ. މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އޭނާ ކުށަށް އިއުތިރާފުވެފައިވާތީ، މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ ދަށުންނެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ޤާޟީ ޢަލީ ނަދީމް ކުރެއްވި ހުކުމުގައިވަނީ، މުދަލަށް ގެއްލުންދިނުމުގެ ކުށުން އޭނާ ކުށްވެރިވާކަމަށް ކަނޑައެޅައި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެކަމަކު، ބަންދުގައި ހުރި މުއްދަތު އުނިކުރުމަށްފަހު ތަންފީޒުކުރަންޖެހެނީ 23 ދުވަހެވެ.
މި މައްސަލައިގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 2،238.39 ރުފިޔާ ސިވިލް ކޯޓަށް ދެއްކުމަށްވެސް އެންގިއެވެ.




