މިއަހަރުގެ ދިވެހިންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި އެކި ޑިސްޓްރިކްޓްތައް ހިމެނޭހެން 1000 އަށްވުރެ ގިނަ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ބައިވެރިވެފައިވާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ޒިޔާއު ވިދާޅުވެއްޖެއެވެ.
ބީސީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ޒިޔާއު ވިދާޅުވީ، ރާއްޖޭގެ ވިޔަފާރިތައް ޕްރޮމޯޓްކުރުމަށް މީގެ 80 އަހަރު ކުރިން ވަރަށް ކުޑަގޮތަކަށް ފެށި މި މައުރަޒު، މިއަދު މުޅިން އެހެން ހަރުފަތަކަށް ގެންދެވިފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ މައުރަޒުގައި ވާދަކުރުމުގެ ބައިގައި 308 ވިޔަފާރިވެރިން ބައިވެރިވިއިރު، މިއަހަރު އެ އަދަދު ވަނީ 780އަށް އަރާފައެވެ. މިދިޔަ އަހަރު 3،600 ހުށައެޅުން ވަނީ ހުށައަޅާފައެވެ. އަދި މިމަހު ފަށާ، މިއަހަރުގެ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6،000 އަށްވުރެ ގިނަ އުފެއްދުން ހުށައެޅުމަށް ރަޖިސްޓްރީކޮށްފައިވެއެވެ.
ޒިޔާއު ވިދާޅުވީ، މިއަހަރުގެ މައުރަޒުގައި އުސޫލަށް ގެނައި އެންމެ ބޮޑު ބަދަލަކީ، ސީދާ އެ އުފެއްދުމެއް އުފައްދާ އުފެއްދުންތެރިޔާގެ ނަމުގައި މެނުވީ، އުފެއްދުން ބައިވެރި ނުކުރެވޭގޮތް ހެދުން ކަމަށެވެ. މިއީ، ސިދާ އެ އުފެއްދުމުގެ އުފެއްދުންތެރިޔާ ރަމްޒުކޮށްދިނުމަށް ގެނައި ބަދަލެކެވެ.
”ބޭނުންވަނީ އެ އުފެއްދުމެއް އުފެއްދި މީހާ ޕްރޮމޯޓްވާން. އޭރުން އަމިއްލަ ވިޔަފާރިތައް ފަށާއިރު، އެކަމަށް މަގު ފަހިވާނީ. މިއަހަރުގެ މައުރަޒުވެގެންދާނި، އެންމެ ފުރިހަމަ އަދި މިފަދަ އެންމެ ބޮޑު މައުރަޒަށް.“ ބީސީސީގެ މެނޭޖިން ޑިރެކްޓަރ ޒިޔާއު ވިދާޅުވިއެވެ.
މިއަހަރުގެ އެންމެ ބޮޑު ތަފާތަކަށްވާނީ އަލަށް އިތުރުކުރަން ނިންމި، ވިސިޓަރ އިކޮނޮމީ ޑިސްޓްރިކްޓާއި އިންޓަރނޭޝަނަލް އެގްޒިބިޓަރސް ޑިސްޓްރިކްޓެވެ. ބޭރުގެ ފަރާތްތަކަށް ބައިވެރިވެވޭ މި ފުރުޞަތާ ގުޅޭގޮތުން ޒިޔާއު ވިދާޅުވީ، މީގެ އެންމެ ބޮޑު ބޭނުމަކަށްވަނީ ރާއްޖޭގެ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް، ބޭރުގެ މާކެޓުތަކާ ގުޅުވައިދިނުން ކަމަށެވެ.




