އއ. ހިމަންދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.
އެ ތަކެތި ހޯދާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހިމަންދޫ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.
ފުލުހުން ބުނީ، ހިމަންދޫއަށް ދަތުރުކުރަމުންދާ ލޯންޗެއްގައި މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން މި އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި، އެ ލޯންޗުގައި ހުރި ފޮށިގަނޑެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 40 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.
ނަމަވެސް މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.



