ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، ފަސް މީހަކަށް އަނިޔާވެގެން ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ބުނީ، ހުޅުމާލެ ފޭސް 2، ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު 2026 އޮކްޓޫބަރު 7 ވަނަ ދުވަހުގެ ދަންވަރު 2:55 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ޖުމްލަ 5 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުމާ ގުލިގެން ފަރުވާދެމުންދާ ކަމަށާއި އެކްސިޑެންޓުގައި އަނިޔާވި 3 މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމްއެޗްއަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އަނެއް ދެ މީހުންވެސް އިތުރު ފަރުވާއަށް އަޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓުގައި ހިމެނޭ މީހުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ރޭ ދަންވަރު ނުރައްކާތެރި ގޮތަށް ސައިކަލްތައް ދުއްވާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.


