”އަހާ“ ފޯރަމްގެ ނުވަވަނަ ބައްދަލުވުން މި ހިނގާ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ގުޅިގެން ގެނެސްދޭ މި ސިލްސިލާގެ ކުރިއަށް އޮތް ޕްރޮގްރާމްގައި ސަރުކާރުގެ ތިން މިނިސްޓަރަކު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން މިފަހަރުގެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަނީ ހެލްތު މިނިސްޓަރު ގީލާ އަލީ އާއި، ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީންގެ އިތުރުން ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދެވެ.
ގާތްގަނޑަކަށް ދެ ގަޑިއިރަށް ދެމިގެންދާ މި ލައިވް އިވެންޓުގައި، މިނިސްޓްރީތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން އާންމުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ފުރިހަމަ ޖަވާބެއް ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ.
މި ޕްރޮގްރާމަށް އާންމުންނަށް މިހާރުވެސް ސުވާލު ފޮނުވޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، ޕީއެސްއެމްގެ ”އެއަރ އެޕް“ މެދުވެރިކޮށް ނުވަތަ ފޯރަމް ކުރިއަށްދާ ވަގުތު އެތަނަށް ހާޒިރުވެ ހުރެގެންވެސް ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެއެވެ.
2024 ވަނަ އަހަރުގެ ތެރޭގައި ތަޢާރަފުކުރެވުނު ”އަހާ“ ފޯރަމްގެ 8 ބައްދަލުވުމެއް މިހާތަނަށް ވަނީ ކާމިޔާބުކަމާއެކު ބާއްވާފައެވެ.



