ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި ”ދަ ގްރޭޓް ޓޫނާ ގާލާ“ ގައި ރާއްޖޭގެ މަޝްހޫރު ޝެފް މަހާ ނަސީރު ވަނީ ދިވެހި ކަނޑުމަސް ބޭނުންކޮށްގެން ތައްޔާރުކުރި ހާއްސަ ކެއުންތަކެއް ލައިވްކޮށް ހުށަހަޅައިދީ، ރާއްޖޭގެ މުއްސަނދި ކާބޯތަކެތީގެ ސަގާފަތް ދައްކާލައިފައެވެ.
މި ކެއުންތައް ޝެފް މަހާ ހުށަހަޅައިދިނީ، ރާއްޖެ އިޝްތިހާރުކޮށް ދެ ގައުމުގެ ވިޔަފާރިއާއި ފަތުރުވެރިކަމުގެ ގުޅުން ބަދަހިކުރުމަށްޓަކައި، ”ދަ ގްރޭޓް ޓޫނާ ގާލާ – ފްލޭވާސް ފްރޮމް ދަ ސަނީ ސައިޑް“ ގެ ނަމުގައި ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ޝެރަޓަން ޑާކާގައި އިންތިޒާމުކޮށްގެން ބޭއްވި ހަފުލާއެއްގައެވެ.
މި ހަފުލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން އެންޑް ޓޫރިޒަމް އެމް. ރަޝީދުއްޒަމާން މިއްލަތު ބައިވެރިވެވަޑައިގެންނެވިއިރު، އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާއި ޑިޕްލޮމެޓުންނާއި ވިޔަފާރިވެރިން ހިމެނޭހެން ގާތްގަނޑަކަށް 250 މެހެމާނުން ހާޒިރުވިއެވެ.

ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ޝިއުނީން ރަޝީދު ވަނީ މި ހަފްލާގައި ވާހަކަ ދައްކަވަމުން، ރާއްޖޭގެ ދެމެހެއްޓެނިވި ދޮށީގެ މަސްވެރިކަމާއި، ބަންގްލަދޭޝްގެ މާކެޓަށް ދިވެހި ކަނޑުމަހުގެ އުފެއްދުންތައް ފުޅާކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާފައެވެ. އަދި މިނިސްޓަރު މިއްލަތު ވެސް ވަނީ ދެ ގައުމުގެ ދެމެދުގައި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށް ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

މި އިވެންޓުގައި ރާއްޖޭގެ ފަތުރުވެރިކަން ވެސް އިޝްތިހާރުކުރިއިރު، މި ހަރަކާތަށް އެޕިޓީކިއާ ހޯލްޑިންގްސް، ވަރު ބައި އެޓްމޮސްފިއަރ، މިފްކޯ، މޯލްޑިވިއަން، ޝެރަޓަން ޑާކާ، ދަ ވޭ ޑާކާ އަދި އިންޒާ ކުންފުނިން އެހީތެރިކަން ދީފައިވެއެވެ.



