މީހެއް ލައިގެން ހުރި ބޮކްސަރު ތެރެއިން މަސްތުވާތަކެތި ފެނުމުން އެއީ އޭނާގެ ތަކެއްޗެއް ނޫން ކަމަށް ބުނެފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރެއްގައި ހާމަކޮށްފިއެވެ.
ކޯޓުން ނެރުނު އެ އަމުރުގައި ވަނީ، މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި ވިޔަފާރިކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތުގައި 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ކޯޓު އަމުރުގައިވާ ގޮތުން، އޭނާ ލައިގެން ހުރި ބޮކްސާ ތެރެއިން މަސްތުވާތަކެތި ފެނުނު ނަމަވެސް، އޭނާ ވަނީ އެއީ އޭނާގެ ތަކެތި ނޫން ކަމަށް ބުނެފައެވެ.
ނަމަވެސް، ކޯޓުން ނިންމައިފައިވަނީ އޭނާއަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅައިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިންޓެލިޖެންސް ރިޕޯޓާއި ސީންއަށް ދިޔަ ފުލުހެއްގެ ބަޔާން ހިމެނޭ ކަމަށް އަމުރުގައިވެއެވެ.
އެހެންވެ، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
ބޮކްސަރު ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި މިދިޔަ މަހުގައި މީހަކު ވަނީ ހައްޔަރުކޮށް، 10 ދުވަހަށް ބަންދުކުރަން އަމުރު ކޮށްފައެވެ. އެ މީހާ ވެސް ކޯޓުގައި ބުނެފައިވަނީ އެ ތަކެއްޗަކީ އޭނާގެ އެއްޗެއް ނޫން ކަމުގައެވެ.




