ފުޅާ ދާއިރާއެއްގައި އައްޑޫގައި ޑްރަގު ނެޓްވޯކެއް ހިންގައިގެން އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދަނިކޮށް އަބްދުﷲ އިބްރާހިމް (އަބުޗާ)، ޕެރޯލް ބޯޑުން މިނިވަންކުރި މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
މީގެ ފަސް އަހަރެއްހާ ދުވަސް ކުރިން 2020 ވަނަ އަހަރު ތެރޭ އަބްދުﷲ އިބްރާހިމް ހައްޔަރުކޮށްފައި ވަނީ، ރާއްޖެއަށް 80 ކިލޯއަށް ވުރެ ގިނަ ޑްރަގު އެެތެރެކުރި މައްސަލައެއްގައެވެ.
އެ މައްސަލައިގައި ކުށް ސާބިތުވެ އޭނާ 25 އަހަރަށް ޖަލަށް ލުމަށް މިދިޔަ އަހަރުގެ މެއި މަހު ވަނީ ހުކުމްކޮށްފައެވެ.
ޕެރޯލް ބޯޑުން އޭނާ މިނިވަންކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ނިންމުމާ އެކު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް، އަބުޗާ މިހާރު އަލުން ވަނީ ހައްޔަރުކޮށްފައެވެ.
އެ މައްސަލަ މަޖިލީހުގެ ކަމާބެހޭ ކޮމިޓީ މެދުވެރިކޮށް ތަހުގީގުކޮށްދެއްވުމަށް ހުށަހެޅީ އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
އެކަމަށް އެދި މަޖިލީހަށް މުހައްމަދު އިބްރާހިމް ފޮނުވި ސިޓީގައި ބުނެފައިވަނީ، އެކަން ހިނގައި ދިޔަގޮތް މަޖިލީހުން ބެލުމަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި އެފަދަ ކަމެއް ތަކުރާރުވުން ހުއްޓުވުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން ޕެރޯލު ދިނުމުގައި އަމަލުކޮށްފައިވާ އިޖުރާއަތުތަކާ އެކު އަށް ކަމެއް ތަހުގީގުކޮށްދިނުމަށް އެދިފައިވެ އެވެ.



