މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭ އޮޅުހިޔާއަށް ނުގެންދެވިއްޖެނަމަ، އެ ތަން މާލޭ ސިޓީ ކައުންސިލާ ހަވާލުކުރަން އެގްރިކަލްޗާ މިނިސްޓްރީއަށް އަންގަން ފެންނަ ކަމަށް ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުގެ މިއަދުގެ ރަސްމީ އާންމު ޖަލްސާއަށް މި މައްސަލަ ހުށަހަޅުއްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝަހުލާ ރިޒާ ވިދާޅުވީ ބުޅަލުގެ ނަޖިސް މަގުތަކުގައި ހުރުމާއި އެ ނަޖިހުގެ ޒަރިއްޔާއިން ނުރައްކާތެރި ބަލިތައް ފެތުރޭ ކަމަށް ބުނެ ބައެއް އާންމުންގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
އެގޮތުން ބުޅަލުގެ ނަޖިހުގެ ޒަރިއްޔާއިން ފެތުރޭ ބައްޔެއް ކަމަށްވާ ޓޮކްސޯޕްލަސްމޯސިސް ފަދަ އެތައް ބައްޔެއް ފެތުރި، މާބަނޑު މީހުންނަށާއި އެ މީހުންގެ ބަނޑުގައިވާ ދަރިންނަށް އަސަރުކުރުން އެކަށީގެންވާކަން ޝަހުލާ ފާހަގަކުރެއްވިއެވެ.
ޝަހުލާ ވިދާޅުވީ މާލޭ ސިޓީގެ ހަތަރުވަނަ ކައުންސިލުން އޮޅުހިޔާ ފެސިލިޓީގެ މަސައްކަތްތައް ނިންމައި އެ ތަން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދަނިކޮށް އެގްރިކަލްޗާ މިނިސްޓްރީގެ ދަށަށް އެ ތަން ގެންގޮސްފައިވީ ނަމަވެސް، އޮޅުހިޔާއިން ޚިދުމަތް ދެވެމުން ނުދާ ކަމަށެވެ.



