ބ. ހިތާދޫގައި ނިކަމެތި ހާލެއްގައި ދިރިއުޅެމުންދާ ހަސަން ފަޔާޒް އޭނާގެ ޚާއްސަ އެހީއަށް ބޭނުންވެފައިވާ ދަރިފުޅު، މުޙައްމަދު ފައްޔާހް ހަސަން (ދޮންކަލޯ) އަށް ތަނަވަސް ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންވެސް ދީލަތި އެހީއެއް ހަދިޔާކޮށްދީފިއެވެ.
އޯޓިޒަމް ހުރި ދަރިފުޅާއެކު، ވަރަށް ވެސް ނިކަމެތި ގެއެއްގައި ފަޔާޒް ދިރިއުޅެމުންދާކަން އާންމުންގެ ސަމާލުކަމަށް ފުރަތަމަ އައިސްފައިވަނީ ދަރިފުޅާއެކު އޭނާ ޓިކްޓޮކްގައި ހިއްސާ ކުރަމުންދިޔަ ވީޑިއޯތަކުންނެވެ.
ފަޔާޒްއަކީ އެކަނިވެރި ބައްޕައަކަށްވެފައި އޭނާގެ ދަރިފުޅަކީ ޚާއްސަ އެހީއަށް ބޭނުންވާ ދަރިއަކަށްވުމުން، ދަރިފުޅަށްޓަކައި އޭނާގެ ވަގުތުތައް ބޮޑަށް ހުސްކުރުމަށްޓަކައި އޭނާވަނީ އޭނާގެ ވަޒީފާވެސް ދޫކޮށްލާފައެވެ. ގޭގެ ހަރަދުތަކާއި އެހެނިހެން ހަރަދުތައް ކުރުމަށް ވެސް ދެން އޭނާ އާމްދަނީ ހޯދަމުން ދިޔައީ ރަށުގައި އެހެން އެކިއެކި މަސައްކަތްތަށް ކުރަމުންނެވެ.
ދަރިފުޅަށް ކާންދޭ މަންޒަރާއި ދަރިފުޅާއެކު އުފާވެރި ވަގުތުތައް ހޭދަކުރާ މަންޒަރުތައް ހިއްސާ ކުރުމުން، ޓިކްޓޮކްއިން ގިނަ ބަޔަކަށް އެހީތެރިވަމުން އަންނަ މަރިޔަމް ސަމާ އާއި އޭނާގެ ޓީމުގެ އިތުރުން އެމްޓީޕީގެ ޓީމުން ވަނީ ފަޔާޒްއަށް އެހީވާން ބޭނުންވާ ކަމަށް ބުނެ އޭނާއަށް އެކަން ހުށަހަޅާފައެވެ. އާންމުންގެ ތެރޭގައި އެފަދައިން މަޝްހޫރުވާން ބޭނުން ނުވާ ކަމަށް ބުނެ ފަޔާޒް އެކަމަށް ފުރަތަމަ އިންކާރު ކުރިނަމަވެސް، އެއީ ދޮންކަލޯއަށްޓަކައި ކޮށްދޭ ކަމެއްކަމުގައި ދެ ޓީމުން ވެސް ވިސްނައިދިނުމުން ފަޔާޒް ވަނީ އެކަމަށް އެއްބަސްވެފައެވެ.
ދޮންކަލޯއަށްޓަކައި ތަނަވަސް ގެއެއް އިމާރާތް ކުރުމަށް ”ހިޔާ ފޮ ދޮންކަލޯ“ ގެ ނަމުގައި ސަމާގެ ޓީމާއި އެމްޓީޕީ ޓީމުން މި މަހުގެ 1 ވަނަ ދުވަހު ބޭއްވި ފަންޑްރެއިސިންގް އިވެންޓުގައި، ޓިކްޓޮކް ކޮމިޔުނިޓީ މެދުވެރިކޮށް ވަނީ އެ ދެބަފައިންނަށް 1 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ދީލަތި އެހީއެއް ވެދީފައެވެ.
އޭގެއިތުރުން ބީއެމްއެލް އިން ވެސް މިހާރު ވަނީ ”ހިޔާ ފޮ ދޮންކަލޯ“ އަށް 50،000 ރުފިޔާގެ ދީލަތި އެހީއެއް ވެދީފައެވެ.

މިއީ އިންސާނިއްޔަތަށްޓަކައި އަދި ނިކަމެތިންނަށްޓަކައި ސަމާ، އެމްޓީޕީ އަދި ބީއެމްއެލް އިންވެސް ދީލަތިކަމެއްކަން ފާހަގަކޮށް ގިނަ ބަޔަކު ވަނީ އެފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފައެވެ.


