ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ކަނޑައަޅާ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ރަސްމީކޮށް އިއުލާނު ކުރައްވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވަން ނިންމަވާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ތާއީދާއެކު ކަމަށް ވެސް ފައިސަލް ވަނީ ހާމަކުރައްވާފައެވެ.
ފައިސަލް މިކަން އިއުލާނު ކުރައްވާފައިވަނީ ރާއްޖެޓީވީން މިއަދު ހެނދުނު ގެނެސްދިން ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.
”އަޅުގަނޑު ނިންމައިގެން މި ހުރީ ﷲ އިރާދަކުރެއްވިއްޔާ 2028 ގައި މި އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކުރިއަށް މި އޮތް ރިޔާސީ ޕްރައިމަރީގައި ބައިވެރިވެ، ވާދަކުރަން“ ކުރީ ސަރުކާރުގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.
މީގެއިތުރުން ފައިސަލް ވިދާޅުވީ، އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި ނެރުއްވަން ނިންމަވާފައިވަނީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ކަމަށެވެ.
ފައިސަލްގެ ރަނިންމޭޓެއްގެ ގޮތުގައި ނުކުންނަވަން ނިންމެވި ސަބަބާ ގުޅޭގޮތުން ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއްގައި ރައީސް އަދި ނައިބު ރައީސަކީ ވެސް އެ ޕާޓީގެ ބޭފުޅުންނަށްވުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.



