ފުލުހުންގެ ބެލުމުގެދަށުގައިހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.
މި ތަކެއްޗަކީ ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓުގެ ބެލުމުގެދަށަށް ގެނެވިފައިވާ ތިން އިންސިޑެންޓެއްގައި ހިމެނޭ ބަނގުރާ ކަމުގައި އެ މުއައްސަސާއިން ވަނީ ބުނެފައެވެ.
އެގޮތުން މި މަހުގެ 5 ވަނަ ދުވަހު ދޫނިދޫގައި ނައްތާލައިފައިވަނީ 500 އެމްއެލްގެ 2547 ފުޅި ބަނގުރަލާއި، 5 ލީޓަރުގެ 23 ފުޅި ބަނގުރަލާއި، އެހެނިހެން ތަކެތީގެ ގޮތުގައި ނުވަ އައިޓަމެކެވެ. ނައްތާލި އެހެނިހެން ތަކެތީގެ ތެރޭގައި ޕްލާސްޓިކް ޓައްޕު ހިމެނޭކަމަށް ފުލުހުން ބުންޏެވެ.
ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.



