މާލީ ހަމަޖެހުން ވަރުގަދަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ހަރުދަނާކަން ބަލައިގަނެ، ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިންގ އެޖެންސީ، މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ސީއޭއޭ 2 އިން ސީއޭއޭ 1 އަށް އަށް މަތިކޮށް، ”ސްޓޭބަލް އައުޓްލުކް“ އެއް ދީފިއެވެ.
މިއަދު އާންމުކުރި މޫޑީޒްގެ ރިޕޯޓްގައި ބުނީ މިއީ ދިވެހި ސަރުކާރުން ބޮޑެތި ދަރަނިތަކެއް ދައްކައި، މާލީ ރައްކާތެރިކަން ކަށަވަރުކުރަން އެޅި ފިޔަވަޅުތަކާ އެކު، ކައިރި މުސްތަގުބަލެއްގައި ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު ބޮޑުތަނުން ކުޑަވުމާ ގުޅިގެން ނިންމި ނިންމުމެއް ކަމަށެވެ.
މޫޑީޒްގެ ރޭޓިން މަތިވުމާ އެކު، ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވާގޮތުން، މި ރޭޓިން މަތިވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، މި އަހަރުގެ އޭޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކް ދައްކައި ހަލާސްކުރުމާއި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ދައްކައި ނިންމުން ހިމެނެ އެވެ. އަދި މި އަހަރުގެ މެއި އަދި ސެޕްޓެމްބަރު މަހު ޖުމްލަ 100 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލްތައް ދައްކާފައިވުމަކީ ވެސް އޭގެ ސަބަބެއް ކަމަށް ފިނޭންސުން ބުންޏެވެ.
މީގެއިތުރުން، 100 މިލިޔަން ޑޮލަރުގެ ޔޫރޯބޮންޑެއް ދެއްކުމުގެ މުއްދަތު 2031 އަށް އިތުރުކުރުމަކީވެސް ކައިރި މުސްތަގުބަލުގައި ދަރަނި ދެއްކުމަށް އޮތް ތާށިކަން ކުޑަވެގެންދިޔަ ކަމެއްކަމަށް ވެސް ފިނޭންސުން ބުންޏެވެ.
އެ މިނިސްޓްރީން ހާމަކުރި ގޮތުގައި، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަވުމާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރެވުނު ފައިސާ އިތުރުވުމުގެ އިތުރުން، ބޭރުގެ މާލީ އިދާރާތަކުންނާއި އަވަށްޓެރި ގައުމުތަކުން މާލީ އެހީތެރިކަން ލިބުމުގައި އޮތް އިތުބާރު މޫޑީސް އިން ފާހަގަކޮށްފައިވެއެވެ. އަދި މި ކުރިއެރުންތައް ހާސިލުކުރުމުގައި ސަރުކާރުގެ ސިޔާސަތުތަކުގެ ހަރުދަނާކަން އެ އެޖެންސީން ގަބޫލުކުރާކަމަށްވެސް ފިނޭންސްއިން ހާމަކުރެއެރެއެވެ.
ސަރުކާރުން 2024 ވަނަ އަހަރުން ފެށިގެން ތަންފީޒުކުރަން ފެށި ބޭރު ފައިސާއާ ގުޅޭ ފިޔަވަޅުތަކުގެ ސަބަބުން، ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަ ބޭރު ފައިސާ އިތުރުވެ، ރަސްމީ ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގެ ހުރި ފައިސާ އިތުރުވެގެން ގޮސްފައިވާ ކަމަށް ވެސް މޫޑީޒްއާ ހަވާލާދީ، ފިނޭންސް މިނިސްޓްރީން ބުންޏެވެ.
މި ފިޔަވަޅުތަކާއި ބޭރުގެ ދަރަނި ދެއްކުމަށް ކުރަންޖެހޭ ހޭދަ ކުޑަވުމުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު އިތުރަށް ދަމަހައްޓައިދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ ފަރާތުން ލިބޭ އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ މާލީ ފުދުންތެރިކަން ވަނީ އިތުރަށް ވަރުގަދަވެފަ އެވެ. އެގޮތުން ވޯލްޑް ބޭންކުން 40 މިލިއަން ޑޮލަރު، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން 50 މިލިއަން ޑޮލަރު އަދި އޯޕެކް ފަންޑުން 40 މިލިއަން ޑޮލަރު ހިމެނޭހެން ޖުމްލަ 130 މިލިއަން ޑޮލަރުގެ އެހީ ސަރުކާރުން ވަނީ ހޯދައިފައެވެ.



