މިހާރު ވެސް 2،500 އަށްވުރެ ގިނަ ޕާސްޕޯޓުގެ ބެކްލޮގެއް އެބަ އުޅޭ ކަމަށާއި، ނަމަވެސް ހަފުތާ ބަންދުގައި އައު ސްޓޮކް ލިބުމުން ބެކްލޮގު އެއްކޮށް ފިލުވައިލަން ފަސް ވަރަކަށް ދުވަސް ނަގާނެ ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.
ޕާސްޕޯޓުގެ ސްޓޮކް ލިބުން ލަސްވުމުގެ ސަބަބުން އިމިގްރޭޝަނުން ވަނީ މުއްދަތު ހަމަވާ ޕާސްޕޯޓުތަކުގެ މުއްދަތު އަންނަ ޖޫން މަހުގެ ނިޔަލަށް އިތުރުކުރަން ނިންމައި، އާންމުކޮށް ކުރު މުއްދަތަކަށް ދަތުރުކުރާ މީހުންނަށް އިމަޖެންސީ ޕާސްޕޯޓު ދޫކުރަން ނިންމައިފައެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިޙްސާން ވިދާޅުވީ ޕާސްޕޯޓު ޕްރިންޓުކުރާ ޖަރުމަނުވިލާތުގެ ކުންފުންޏަށް ދިމާވެފައިވާ މައްސަލަ ހައްލުވެއްޖެ ކަމަށާއި، މި ހަފުތާ ބަންދުގައި ޕާސްޕޯޓުގެ އައު ސްޓޮކް ލިބޭނެ ކަމަށެވެ. އެއަށްފަހު ކުރިއެކޭ އެއްގޮތަށް އަންނަ ހަފުތާއިން ފެށިގެން ޕާސްޕޯޓު ދޫކުރަން ފެށޭނެ ކަމުގެ ޔަގީންކަން އިޙްސާން ދެއްވިއެވެ.
”މި ވަގުތަށް ބަލާއިރު ގާތްގަނޑަކަށް ބެކްލޮގުގައި އެބަ އުޅޭ 2،646 ވަރަކަށް ޕާސްޕޯޓު ހެދުމުގެ ރިކުއެސްޓުތައް، މި ބެކްލޮގު ކްލިއާކުރަން އަޅުގަނޑުމެންނަށް ގާތްގަނޑަކަށް ނަގާނެ ފަސް ވަރަކަށް ދުވަސް އެ ދުވަހުން (އާދިއްތައިން) ފެށިގެން“ އޭނާ ވިދާޅުވިއެވެ.
އެކަމަކު ކޮންމެހެން މުހިންމު ދަތުރުތައް ކުރަންޖެހޭ ފަރާތްތަކަށް އެއްވެސް ދަތިކަމެއްނެތި ޕާސްޕޯޓުތައް ދޫކުރަމުން ދާނެ ކަމަށް އިޙްސާން ވިދާޅުވިއެވެ.
އިޙްސާން ވިދާޅުވީ ދުވާލަކު އާންމުކޮށް 350އެއްހާ މީހުން ޕާސްޕޯޓު ހައްދަން އެދޭ ކަމަށެވެ.



