އަންހެންކުދިންނާއި ޒުވާން އަންހެނުންނަކީ މުސްތަގުބަލުގެ ލީޑަރުންނަށް ހެދުމަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅުވައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވަނީ، މި ދުވަހާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އަންހެން ކުދިންގެ ހައްގުތައް ކުރިއަރުވައި ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި، ބައިނަލްއަގުވާމީ މުޖުތަމައާއެކު ރާއްޖެއިން ބައިވެރިވާކަމަށް ވިދާޅުވެފައެވެ.
މި ސަރުކާރުގެ އަމާޒަކީ އަންހެންކުދިންނާއި ޒުވާން އަންހެނުންގެ ގާބިލުކަން އެންމެ ފުރިހަމައަށް ބޭނުންކުރުމަށް މަގުފަހިކޮށްދީ، އަންހެންކުދިންނަކީ މުސްތަގުބަލުގެ ލީޑަރުންގެ ގޮތުގައި ބައްޓަންކުރުމަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުންކަމަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ރައްކާތެރި އަދި އެހީތެރިކަން ލިބޭ މާހައުލެއްގެ ތެރެއިން ގައުމީ ތަރައްގީގައި އެ ކަނބަލުންނަށް މާނަހުރި ދައުރެއް އަދާކުރެވޭނެ ފަދަ ސިޔާސަތުތައް ތަންފީޒުކުރުމަށް ސަރުކާރުން ދެމިއޮންނާނެކަމުގެ ޔަޤީންކަން އެމަނިކުފާނުގެ ޕޯސްޓުގައި ދެއްވިއެވެ.




