ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލްއަށް ދުވާލަކު 500 ރޮށި ސަޕްލައި ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.
އެމްއޭސީއެލް އިން ސަރުކާރުގެ ގެޒެޓުގައި މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ ކުންފުނީގެ ބޭނުމަށް ދިގު މުއްދަތަކަށް ރޮށި ސަޕްލައިކޮށްދޭން ޝައުގުވެރިވާ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. ދުވާލެއްގެ މައްޗަށް 500 ރޮށި ސަޕްލައިކޮށްދޭން ޖެހޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު ފަހު 2:30 ގެ ކުރިން، އީ-މެއިލް [email protected] މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރަން އެދޭ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެ ފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީ-މެއިލް، ގުޅޭނެ ނަންބަރުތައް އަދި ގާބިލުކަން އަންގައިދޭ ލިޔުންތައް (ޕްރޮފައިލް، ތަޖުރިބާ ފަދަ ލިޔުންތައް) ފޯރުކޮށްދޭން ވާނެ ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.
އެމްއޭސީއެލް އިން ބުނީ އެކަމަށް ކުރިމަތިލާ ފަރާތްތަކަކީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިއަކަށް ވާން ޖެހޭނެ ކަމަށެވެ.



