ކ. ހުރާގެ ލޭންޑް ޔޫސް ޕްލޭނާއި ރަށުގެ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަޙައްދުތަކުން 1500 އަކަފޫޓުގެ 150 ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވައިލައިފިއެވެ.
ހުރާ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައިވާ ގޮތުގައި، މި ފުރުސަތު އަލުން ހުޅުވާލާފައިވަނީ 23 ޖޫން 2025 ގައި އެ ކައުންސިލުން އިޢުލާންކުރި ”ކ. ހުރާއިން ގޯތި ދިނުމުގެ އުޞޫލު“ އަށް މި މަހު ހަތަރުވަނަ ދުވަހު ގެނެވުނު އިސްލާހުތަކާ ގުޅިގެންނެވެ.
ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، ގޯއްޗަށް އެދުމުގެ ފުރުސަތު އަލުން ހުޅުވާލި ނަމަވެސް، ކުރިން ފޯމު ހުށަހަޅާފައިވާ އެއްވެސް ފަރާތެއްގެ ފޯމެއް ބާތިލެއް ނުވާނެއެވެ.
އެހެންނަމަވެސް، އެ ފޯމުތަކަށް ވެސް މާކްސް ދިނުމުގައި ބަލާނީ އަލަށް އިސްލާހުކުރެވުނު އުސޫލަށެވެ. އަދި ކުރިން ފޯމު ލާފައިވާ ފަރާތަކުން އަލުން ފޯމު ހުށަހަޅައިފިނަމަ، އެ ފަރާތަކުން ކުރިން ހުށަހަޅާފައިވާ ފޯމު ބާތިލުވާނެކަމަށް ވެސް އިއުލާނުގައި ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން، މި އިއުލާނާ ގުޅިގެން ހުށަހަޅާ ފޯމުތަކަށް މާކްސް ދިނުމާއި ކުށުގެ ރިކޯޑް ސާފުކުރުމުގައި ބަލާނީ މިދިޔަ އަހަރުގެ އޮގަސްޓް ތިނެއްގައި ކުރި އިއުލާނުގެ ތާރީޚާ ހަމައަށް ކަމަށް ބުންޏެވެ.
ގޯއްޗަށް އެދޭ ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ފޯމު ދޫކުރާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 12:00 އަށް ހުރާ ކައުންސިލް އިދާރާގެ ކައުންޓަރުންނެވެ.
މި ބުރުގައި ފޯމު ބަލައިގަތުން ކުރިއަށްދާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 12:00 އަށް އެ އިދާރާއިންނެވެ.



