މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ ތުހުމަތަށް ހ. މާދޫގެ ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ބަނގުރާ ކޭސްތަކެއް މިއަދު އަތުލައިގެންފިއެވެ.
ބަނގުރަލުގެ ބޮޑު އޮޕަރޭޝަނެއްގައި މާދޫގެއަށް ވަދެ، އެ ގެ ބަލައިފާސްކުރަމުންދާކަމަށް ފުލުހުން ވަނީ މިއަދު ހެނދުނު 9:15 ހާއިރު ވިދާޅުވެފައެވެ.
ކޯޓު އަމުރެއްގެ ދަށުން ރެއިން ފެށިގެން އެ އޮޕަރޭޝަން ކުރިއަށްދާއިރު، މިހާތަނަށް އެ ގޭގެ އެއްވަނަ ފަންގިފިލާއާއި ފަސްވަނަ ފަންގިފިލާ ވަނީ ބަލައިފާސްކޮށްފައެވެ.
އެ ސަރަހައްދުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އެ އޮޕަރޭޝަނަކީ މާލެތެރެއަށް ފުޅާ ދާއިރާއަކަށް ބަނގުރާ ފޯރުކޮށްދެމުން އަންނަ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
އެ އޮޕަރޭޝަން ހިންގަމުންދަނީ ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެންނެވެ.
ބަނގުރަލުގެ މައްސަލައެއްގައި ފުރަތަމަ ފަހަރަށް މާދޫގެ ބަލައިފާސްކޮށްފައިވާއިރު އޮފިޝަލް ވިދާޅުވީ އެތަނުން ވަރަށް ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާ ކަމަށެވެ. އަދި އެކަމުގައި ހަރަކާތްތެރިވަމުން އަންނަ މީހުން ވެސް ހޯދާފައިވާ ކަމަށް ވިދާޅުވިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ފަހު ފުލުހުން ވަނީ އެތަނަށް ނޫސްވެރިން ވައްދައި އަތުލައިގަތް ބަނގުރާގެ ބާވަތްތައް ވެސް ދައްކާލައިފައެވެ. އެތަނުގައި ހުރީ ބަނގުރަލުގެ އެކި ވައްތަރުގެ ކޭސްތައް އަތުރާލައިފައެވެ.
މި މައްސަލާގައި އެ ގެއިން ދެ ބިދޭސީއަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.



