ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ކުރާ ދަތުރުގެ އަގު ކުޑަކުރުމަށް ޕްލޭނެއް ހަދާ މަސައްކަތް ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޙައްޖު ކޯޕަރޭޝަނުން ރާއްޖެއިން ޙައްޖަށް މީހުން ގެންދަނީ 69،965 ރުފިޔާއަށެވެ. ޙައްޖު ކޯޕަރޭޝަން އުފެދުނީއްސުރެ ކަނޑައަޅާފައި އޮމްނަ މި އަގު ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޢަމާޒެކެވެ.
އިސްލާމިކް މިނިސްޓްރީގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ފަރުޟު ޙައްޖު އަދާކޮށްފައިވާ މީހަކަށް ދެވަނަ ފަހަރަށް ޙައްޖު އަދާކުރުމަށް ފުރުސަތު ދޭ މުއްދަތު 10 އަހަރަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. ދެ ޙައްޖު ދެމެދުގައި އޮންނަ މުއްދަތު އިތުރުކުރަން ނިންމީ އަލަށް ފަރުޟު ޙައްޖު އަދާކުރަން ބޭނުންވާ ފަރާތްތަކަށް އިސްކަންދިނުމުގެ ގޮތުން ކަމަށް ވެސް ވިދާޅުވިއެވެ.
ޙައްޖަށް ދިޔުމަށް ރައްޔިތުން އަތުން ދައްކަންޖެހޭ އަގު ކުޑަކޮށް، ޙައްޖުގެ އަގު ހެޔޮކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަން ވެސް ޝަހީމް ފާހަގަކުރެއްވިއެވެ.
”ޙައްޖުގެ އަގު ހެޔޮ ކުރުމަށް އަޅުގަނޑު މިދަންނަވަނީ ރައްޔިތު މީހާ އަތުން ދައްކަންޖެހޭ ބައި މަދުކުރުން، ލުއިކޮށްދިނުމަށްޓަކާ. އެހެންކަމުން މާތް ﷲ އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ފަސް އަހަރުދުވަހަށް މިކަމަށް ޕްލޭނެއް ހަދައިގެން މަސައްކަތްކުރަން އަޒުމް ކަނޑައަޅައިގެން އަނެއްކާވެސް ސިޔާސަތުތަކެއް ކަނޑައަޅާފަ މިވަނީ.“ މިނިސްޓަރު ވިދާޅުވިއެވެ.



