އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް ލަފާ ކުރެވޭ ބަޖެޓުގެ ގޮތުގައި ހުށަހެޅި 133 މިލިއަން ރުފިޔާގެ ބަޖެޓަށް އެއްވެސް އުނި އިތުރެއް ނުގެނެސް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
އޮޑިޓް އޮފީހުން އެ އޮފީހުގެ 2027 ވަނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހުއެވެ. އެގޮތުން އަންނަ އަހަރު އެ އޮފީހުން ކުރަން ހަމަޖެހިފައިވާ ޚަރަދުތަކާއި އޮޑިޓުތަކުގެ ތަފްސީލު މާލިއްޔަތު ކޮމިޓީއާ ވަނީ ހިއްސާކުރައްވާފައެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ރިކަރަންޓު ޚަރަދުގެ ގޮތުގައި 85.8 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. ކެޕިޓަލް ޚަރަދުގެ ގޮތުގައި 4.2 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، ޕީއެސްއައިޕީ މަޝްރޫޢުތަކަށް 43.5 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
މިއާއެކު އަންނަ އަހަރަށް އޮޑިޓް އޮފީހުން ހުށަހެޅުއްވީ ޖުމްލަ 133،590،265 ރުފިޔާގެ ބަޖެޓެކެވެ.
މާލިއްޔަތު ކޮމިޓީއަށް ބަޖެޓު ހުށަހަޅުއްވައި އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވީ އަންނަ އަހަރު އެ އޮފީހުން 394 އޮޑިޓު ކުރަން ނިންމާފައިވާ ކަމަށެވެ. މީގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރު ކުންފުނިތަކާއި، މާލީ އިދާރާތަކާ ގުޅުންހުރި ގިނަ އޮޑިޓްތަކާއި، މިއަހަރު ނުނިމޭ އޮޑިޓްތަކެއްގެ މަސައްކަތްވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
އޮޑިޓް ހިންގާ ދާއިރާތައް:
° ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން 61 ތަނެއްގެ ފައިނޭންޝިއަލް އަދި ކޮމްޕްލަޔަންސް އޮޑިޓް
° ލޯކަލް ކައުންސިލްގެ 106 އޮޑިޓް
° ޕަބްލިކް ފަންޑާއި ސްކީމްގެ 6 އޮޑިޓް
° ބޭރުގެ އެހީގައި ހިންގާ މަޝްރޫޢުތަކުގެ 22 އޮޑިޓް
° ދައުލަތުގެ ކުންފުނިތަކުގެ ފައިނޭންޝަލް އޮޑިޓްގެ ތެރޭގައި ހިމެނޭ 40 އޮޑިޓް
° މާލީ އިދާރާތަކުގެ ތެރޭގައި ހިމެނޭ 4 އޮޑިޓް
° ބަޖެޓާއި ފިސްކަލް ޓްރާންސްޕޭރެންސީ ޤާނޫނުގެ ދަށުން ކުރަންޖެހޭ 5 އޮޑިޓް
° ދައުލަތުގެ ދަރަންޏާއި ގެރެންޓީ ހިމެނޭ 3 އޮޑިޓް
° ޕާފޯމަންސް އޮޑިޓްގެ ގޮތުގައި ހިމެނޭ 6 އޮޑިޓް
° ސްޕެޝަލް އޮޑިޓްގެ 8 އޮޑިޓް
° އިންފޮމޭޝަން ސިސްޓަމްތަކުގެ 7 އޮޑިޓް
° ތިމާވެއްޓާ ގުޅުންހުރި 6 އޮޑިޓް
° މިއަހަރު ނުނިމި ހުރި 120 އޮޑިޓް




