ސަރުކާރުގެ ޢަމާޒަކީ އެކަށައަޅާފައިވާ ކާބޯތަކެތީގެ ބާވަތްތައް ރާއްޖޭގައި ހައްދައި، ބާޒާރަށް ނެރެވޭނެ މަގުފަހިކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޤައުމީ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރެއްވި މެސެޖެއްގައެވެ.
ރައީސްގެ މެސެޖުގައި ވަނީ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި، ދަނޑުވެރިންނާއި ދަނޑުވެރި ޢާއިލާތައް އަދި އެ ސިނާއަތުގައި ހިއްސާވާ އެންމެހައި ފަރާތްތަކަށް ތަހުނިޔާއާ ހެޔޮ އެދުން ފޮނުއްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ ދަނޑުވެރިންގެ ދުވަހަކީ، ކާބޯތަކެތީގެ ރައްކާތެރިކަން، ޤައުމީ ފެންވަރުގައި ކަށަވަރުކުރުމަށާއި، އިޤުތިޞާދު ސިންދަފާތު ކުރުމަށްޓަކައި، ހީވާގި ދިވެހި ދަނޑުވެރިން އަދާކުރާ ދައުރުގެ މުހިންމުކަން ހަނދާންކޮށްދޭ އަގުހުރި މުނާސަބަތެއް ކަމަށެވެ. އަދި އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން، ދަނޑުވެރިކަމުގެ ބާވަތްތައް އަމިއްލަ ފަސްގަނޑުގައި އުފެއްދުމަކީ، ޤައުމުގެ އިސްތިޤުލާލާ ގުޅިފައިވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގައި، ކާބޯތަކެތީގެ އަގުތަކަށް އަންނަ ލޮޅުންތަކާއި، ދަތުރުފަތުރަށް ދިމާވާ ހުރަސްތަކުން ޤައުމު ސަލާމަތްކުރުމަށްޓަކައި، ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމުގެ މުހިންމުކަން މިއަދު އަޅުގަނޑުމެންނަށް ހަނދާން ކޮށްދޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެހެންވެ، ދަނޑުވެރިކަމުގެ ސިނާއަތް ފުޅާވެގެން ދިޔުމަކީ، ޤައުމުގައި ބޭރު ފައިސާ ހިފެހެއްޓި، ރަށްރަށުގައި ވަޒީފާގެ ފުރުޞަތުތައް ފަހިވެގެންދާނޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



