ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރަމުން އަންނަ މަސައްކަތްތަކުގައި މުޖުތަމައުގެ އެންމެހާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ޝާމިލުކުރުމުގެ ގޮތުން ”ޕާސަންސް ވިތް ޑިސެބިލިޓީ (ޕީޑަބްލިޔުޑީ)“ އެމްބެސެޑަރުންގެ ގޮތުގައި ދެ ބޭފުޅަކު އައްޔަންކޮށްފިއެވެ.
ލާމެހިފައިވާ ވެއްޓެއް ގާއިމުކުރުމުގެ ތަސައްވުރުގެ ތެރެއިން މި އަހަރުގެ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހު އެ ކޯޕަރޭޝަންގެ ޕީޑަބްލިޔުޑީ އެމްބެސެޑަރުންގެ ގޮތުގައި ރަސްމީކޮށް އައްޔަންކޮށްފައިވަނީ ހިއުމަން ރިސޯސް މެނޭޖްމަންޓްގެ އާމިނަތު އިރާޝާ އަދި ސެންޓްރަލް އޮޕަރޭޝަންސްގެ އަޙްމަދު ނަޖީބެވެ. އެ ބޭފުޅުންގެ އެމްބެސެޑަރުކަމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހަށެވެ.
ދެ ބޭފުޅުންނާ އެކު ސޮއިކުރި ފަހުމުނާމާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތެއް ހޯދައިދިނުމަށް އެ ބޭފުޅުންގެ ޚިޔާލާއި، މަޝްވަރާއާއި، ކަންބޮޑުވުންތައް މެނޭޖްމަންޓަށް ހުށަހެޅުމުގައި ދެ އެމްބެސެޑަރުން އެހީވާނެއެވެ.
މީގެ އިތުރުން ވެސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅޭ މަސައްކަތްތައް ޑިޕާޓްމަންޓްތަކުން ކުރިއަށްގެންދޭތޯ ބެލުމުގައާއި، ހުޅުމާލޭގައި ކުރިއަށްގެންދާ މަޝްރޫއުތައް ކުރިއަށްދަނީ އެންމެންނަށް ބައިވެރިވެވޭ ގޮތަށްކަން ކަށަވަރުކުރުމުގައި މި ކޯޕަރޭޝަނަށް އެމްބެސެޑަރުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
އެންމެންނަށް ފަހި ތަނެއްގެ ގޮތުގައި ހުޅުމާލެ ބިނާކުރެވޭނީ މުޅި މުޖުތަމަޢުގެ އެއްބާރުލުމާއެކީގައި ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އެގޮތުން އެ ކޯޕަރޭޝަނުން އައްޔަންކުރި އެމްބެސެޑަރުން މަސައްކަތްކުރާނީ ރައްޔިތުންގެ ޚިޔާލުތަކާއި ބޭނުންތައް ދެނެގަނެ، އެ ކަންކަން ހަގީގަތަކަށް ހެދުމަށް ކަމަށާއި މަގުތަކާއި އާންމު ސަރަހައްދުތައް ތަރައްގީކުރުމުގައި ވެސް އެ އަޒުމުގައި ދެމިތިބޭނެ ކަމުގައި އެޗްޑީސީން ބުންޏެވެ.
”މި ކޯޕަރޭޝަންގެ އެންމެ ބޮޑު އެއް އަމާޒަކީ ހުޅުމާލެއަކީ އެންމެހައި ރައްޔިތުންނަށް ބޭނުންކުރަން ފަސޭހަ، އެންމެންގެ ބައިވެރިވުން އެކުލެވޭ ރަށަކަށް ހެދުން. އަދި، ވަސީލަތްތަކާއި، މަސައްކަތުގެ މާޙައުލާއި މުޅި ހުޅުމާލެއަކީ ވެސް ލާމެހިފައިވާ ވެއްޓަކަށް ހެދުން. ހުޅުމާލެއަކީ އެންމެންނަށް ހިތްފަސޭހަ ތަނަކަށް ހެދުމުގައި އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތް ކުރަމާ ހިންގަވާ،“ ހިއުމަން ރިސޯސް މެނޭޖްމަންޓްގެ އެކްޓިން ހެޑް މުހައްމަދު ހިސާން ވިދާޅުވިއެވެ.
މި ފަދަ އެއްވެސް ކަންބޮޑުވުމެއް ހިއްސާކުރައްވަން ބޭނުންފުޅު ނަމަ، ކުރިއެކޭ ވެސް އެއްގޮތަށް އެޗްޑީސީގެ ހޮޓްލައިން 1516 އަށް ގުޅައިގެން އެކަން ހިއްސާކުރެވޭނެއެވެ.



